ދީން

ޙަޤީޤީ ޙާދިސާ: އެ މައްޔިތާ ހިނެވިއިރު އާދަޔާ ޚިލާފު ކަންކަމާއި ދިމާވިއެވެ.

އަހަރެންނަކީ ރާއްޖޭގެ ރަށެއްގައި ކަށުކަމާކެމީގެ ކަންކަން ކުރަމުން އަންނަ ފަރާތަކީމެވެ. މި މަސައްކަތުގައި ވޭތުވެދިޔަ 3 އަހަރު ވަރަށް ގިނަ މައްޔިތުން ހިނަވާކަފުން ކޮށްފައިވާނެވެ. މި މަސައްކަތުގައި އަޅުގަނޑާ ދިމާވި އާދަޔާ ޚިލާފު ހާދިޘާ އެއް އިބުރަތަކަށްޓަކައި ހިއްސާ ކޮށްލާނަމެވެ.

އެއްދުވަހެއްގެ ހެނދުނުގެ ވަގުތެއްގައި މީހަކު ފޯނު ކުރިއެވެ. އެމީހާ އެދުނީ ފަތިހުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވި އޭނަގެ ތިމާގެ ކުއްޖަކުގެ ކަށުކަމާކެމީގެ ކަންކަންކޮށް ދިނުމަށް އެގެއަށް އައުމަށެވެ.އެމީހާ ބުނި ގަޑީގައި އެގެއަށް ދިޔައީމެވެ.

ދެ އެހީތެރިންނާ އެކީ މައްޔިތާ ހިނެވުމަށް ފަށައިގަތީމެވެ. ލަފާކުރެވޭ ގޮތުގައި އެއީ 35 ވަރަކަށް އަހަރުގެ ޒުވާނެކެވެ.

ގުޅުންހުރި ލިޔުންތައް

ހިނެވުގެ މަސައްކަތުގެ ތެރޭގައި ވަރަށް ބިޔަ ވަރުގަދަ މައްޔިތުންވެސް ހިނަވާފައިވާނެއެވެ. ނަމަވެސް މި ޒުވާނާއަކީ މާފަލަ ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ޒުވާނެއް ނޫނެވެ. މި ޒުވާނާގެ ހަށިގަނޑު ހިނެވުމަށް ކަނާތް ފަޅި އަށާއި ވާތް ފަޅިއަށް ނަގާއިރު އާދަޔާ ޚިލާފަށް ބަރުކަން އިހްސާސް ކުރެވެއެވެ. އެފަދަ ބަރު މައްޔިތަކު މިއަދާ ހަމައަށްވެސް ހިނެވުމުގައި ދިމާވެފައި ނެތެވެ.

ހިނަވަމުން ދިޔަވަގުތު އަޅުގަނޑުގެ އަތުން އާދަޔާ ޙިލަފު ހޫނެއް އިހްސާސް ކުރެވެ އެވެ. ވަގުތަކީ މެންދުރުގެ ވަގުތު ކަމުން މާކަ ބޮޑު ކަމެއްގެ ގޮތުގައި ނުދެކުނީމެވެ. މައްޔިތާ ހިނަވައި ނިމި ކަފުން ކުރުމަށްޓަކައި ތައްޔާރު ކުރަމުން ދަނީއެވެ. އޭރު އަޅުގަނޑުގެ މުޅި ހަށިގަނޑުން ގަދަ ހޫނެއް އިހްސާސް ކުރެވެއެވެ. އެފަދަ ހޫނެއް މިއަދާ ހަމައަށް ވެސް ދުވަހަކު އިހްސާސް ކުރެވިފައި ނެތެވެ. މާކަ ބޮޑު ބިޔަ ހަށިގަނޑަކަށް ނުވިޔަސް ހިނަވާ ނިމުނުނު އިރު އަޅުގަނޑު ވަރަށް ބޮޑަށް ވަރުބަލިވެ ލޮޑުކަން އިހްސާސް ކުރެވެން ފެށިއެވެ.

ކޮންމެއަކަސް މައްޔިތާ ކަފުނަށް ލައި ކަފުން ބަންނަމުން ދިޔައިރު އަޅުގަނޑުގެ އަތަށް ވަކިން ބޮޑަށް ހޫނުކަން އިހްސާސް ކުރެވެއެވެ. ބުރަކަށިން އޮހޮރެމުން ދިޔަ ދާތިކިތައް ކައްކާ ހޫނުކޮށްފައިވާފަދައެވެ.

ކަފުންކޮށް ނިމުމާއެކު އަތަށާއި ބޮލަށާއި ފެން އަޅައިގެން އަވަސް އަވަހަށް ގެއަށް އައީމެވެ.އޭރު އަޅުގަނޑުގެ ދޫ 3 ދުވަސްވަންދެން ފެން ނުބޮއެ ހުރި މީހަކާ އެއްފަދައެވެ. ހުރީ އެހައިވެސް ފެނަށް ބޭނުން ވެފައެވެ.ފެން ބޮއެގެން ފެންވަރަން ވަދެވުނު އިރު ކޮޅަށް ހުންނާނެ ވަރެއްވެސް ގަޔަކު ނެތެވެ.އެހެންކަމުން ފެންވަރަން ޖެހުނީ ގޮނޑިއެއްގައި އިށީނދެ އިނދެގެންނެވެ.އަޅުގަނޑުގެ ހަޔާތުގައިވެސް އެވަރަށް ވަރުބަލިކަމާ ލޮޑުކަން އިހްސާސް ނުކުރަމެވެ.

ކަށުނަމާދަށް ދިޔައިރު އެހީތެރިއެއްގެ ގޮތުގައި ހިނަވާތަނަށް ވަން ފަރާތާ ދިމާވިއެވެ. ދެކެވުނު ވާހަކައެއްގައި އެފާރާތަށް ވެސް އާދަޔާ ޚިލާފު ކަންތައްތަކެއް އިހްސާސް ކުރެވުނު ވާހަކަ ކިޔައި ދިނެވެ. ސުބުހާނައްﷲ .ހިނަވަމުން ދިޔަ ގަޑީގައި އަތުންނާއި ގައިން އިހްސާސް ކުރެވުނުއާދަޔާ ޚިލާފު ހޫނާއި ، އާދަޔާ ޚިލާފު ވަރުބަލިކަމާ،އާދަޔާ ޚިލާފަށް ފެންބޮވައިގަތުން އެފަރާތަށް ވެސް ދިމާވެފައިވާ ކަމަށް ބުނެފައިވެއެވެ.

އެޒުވާނާ އަކީ ދީނާއި ދުރު، ނަމާދަށް ފަރުވާކުޑަ، މިސްކިތާތަކުން ނުފެންނަ މޫނެކެވެ . ރޯދަމަހު ދުވާލު މަގުމަތީގައި ސިނގިރޭޓް ބޮމުން ކަމުން އުޅުނެވެ. މަސްތުވާ ތަކެތީގެ ބޭނުން ކޮށް އެތަކެތީގެ ވިޔާފާރިކުރިއެވެ. އެ ޒުވާނާއަކީ ރަށުގައި އުޅުނު ޒުވާނެއް ކަމުން އެޒުވާނާގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގެއެވެ. އެމަންޒަރު ހަމަލޮލަށް ވަރަށް ގިނަ ދުވަހު ފެނިފައިވެސް ވެއެވެ.

މިއީ މައްޔިތުން ހިނަވައި ކަފުން ކުރުމުގެ ތެރޭގައި އަޅުގަނޑަށް ދިމާވި އާދަޔާ ޚިލާފު ހަޤީޤީ ހާދިޘާއެކެވެ. މިފަދަ ވާހަކަތައް މުޅިންވެސް އަޑު އިވިފައިވަނީ ވާހަކަތަކުންނާއި ފިލްމުތަކުންނެވެ. އަހަރެންގެ މި އާދަޔާ ޚިލާފު ތަޖުރިބާ އިބުރަތަކަށްޓަކައި ހިއްސާ ކޮށްލީމެވެ.

އެޑިޓަރުގެ ނޯޓް: މިއީ  ފޭސްބުކް ޕޭޖުގައި އެ ޕޭޖުގެ ފޭނަކު ހިއްސާކޮށްފައިވާ ހަގީގީ ޙާދިސާއެކެވެ. މި ލިޔުން ނޫހުގައި ޖަހާފައިވަނީ ޕޭޖްގެ ހުއްދައާއި އެކީގައެވެ. ބޭނުމަކީ މިފަދަ އިބްރަތްތެރި ވާހަކަތައް ވީހާވެސް ގިނަ ބަޔަކާއި ހިއްސާކޮށް މިފަދަ ވާހަކަތަކުން ނަފްސު ހެޔޮމަގަށް އެޅުމަށް ހިތްވަރު ލިބިގެންދިއުމަށް ބާރަކަށް ވުމެވެ.

(ޙަޤީޤީ ވާހަކަ ވައިބަރ ކޮމިއުނިޓީ ގުރޫޕުން ނެގިފައި)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close