ނަން މަޝްހޫރު ކުޅުތެރިންގެ ވިދުން ގަދަ ރެއެއް
އިންގުލިޝް ޕްރިމިއާރ ލީގުގައި ރޭ ކުޅެވުނު ގިނަ މެޗުތައް ވެގެން ގޮސްފައިވަނީ އެޓީމުތަކަށް ކުޅެމުން އަންނަ އަދި ބައެއް ޓީމުތަކަށް ބޮޑު އަގުގައި ގަނެގެން ގެނައި ދުނިޔޭގެ އެންމެ ނަން މަޝްޙޫރު މޮޅަތި ކުޅުންތެރިންގެ މޮޅުކަމާއި ޖާދޫތައް ފެނިގެންދިޔަ މެޗުތަކެއްގެ ގޮތުގައެވެ.
މިގޮތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ ދާދިފަހުން މެންޗެސްޓާރ ޔުނައިޓެޑާއި އަލަށް ގުޅުނު އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ކުރިސްޓިއާނޯ ރޮނަލްޑޯއެވެ. ޖުމްލަ 12 އަހަރަށްފަހު އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ރޮނަލްޑޯ ވަނީ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީ އޭނާގެ ފެންވަރު ދައްކާލާފައެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އައިސް ކުޅުނު ރޭގެ މެޗުން ފާހަގަކުރެވިގެން ދިޔަ އަނެއްކަމަކީ އެޓީމުގެ ސަޕޯރޓަރުންގެ މެދުގައި ހީނަރުވެފައި އޮތް ފުޓްބޯޅައިގެން ފޯރި އަލުން އަބުރާ އައުމެވެ. މިކަން ބޮޑަށް ފާހަގަ ކުރެވިގެން އައީ ރޮނަލްޑޯގެ ފައިގައި ބޯޅަ ޖެހޭ ވަގުތުތަކުގައެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ރޮނަލްޑޯ އެބުރި އައިސް މިވަނީ ފުޓްބޯޅައިގެ ފޯރިން އޯލްޑް ޓްރެފޯޑް ކައްކުވާލައިފައެވެ.
ރޭ ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު ނިމި ދިޔަ ޓްރާންސްފާރ މާކެޓްގައި އެންމެ ބޮޑު ހޭދައެއްކޮށްގެން އެކުލަބުގެ ރެކޯރޑް ފީއަކަށް ޗެލްސީއަށް ގެނައި ރޮމެލޫ ލުކާކޫ ވެސް ވަނީ އޭނާގެ ފެންވަރު ދައްކާލައި އޭނާގެ ޓީމު މޮޅުކޮށްދީފައެވެ.
ރޭ ކުޅެވުނު މެޗުގައި އެސްޓަން ވިލާ ކޮޅަށް ޗެލްސީގެ ތިން ގޯލު ޖެހިއިރު މީގެ ތެރެއިން ދެ ލަނޑު ޖެހީ ރޮމެލޫ ލުކާކޫ އެވެ. އަދި މި ދެ ލަނޑަކީވެސް އޭނާގެ އަމިއްލަ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ފެނިގެން ގޮސްފައިވާ ދެ ލަނޑެވެ. ލީގުގައި އޭނާ ކުޅުނު ދެ މެޗުގައިވެސް މިވަނީ ލަނޑު ޖަހާފައެވެ.
މި ދެކުޅުންތެރިންގެ އިތުރުންވެސް އެޓީމުތަކަށް ކުޅޭ ނަން މަޝްހޫރު ކުޅުންތެރިންގެ އިތުރުން އެހެންޓީމުތަކުގައި ހިމެނޭ ނަން މަޝްހޫރު ކުޅުންތެރިންގެ ކުޅުންވެސް ރޭގެ މެޗުތަކުގައި ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔައެވެ.


