ކުޅިވަރު

ވާދަވެރި ދެރަށް – ވާދަވެރިކަން ނެތް މެޗަކަށް

ޒަމާނުންސުރެ ނ.އަތޮޅުގެ ހޮޅުދޫ އާއި ވެލިދޫއަކީ ކުރާހުރިހާ ކަމެއްގައިވެސް ވަރަށް ވަދަވެރި ދެރަށެވެ. ވަކިން ހާއްޞަކޮށް ކުޅިވަރުގެ މައިދާނުގައި މި ދެރަށް ވެފައިވަނީ އެއްރަށް އަނެއްރަށަށް ދޫދޭން ބޭނުންނުވާ ދެރަށުގެ ގޮތުގައެވެ.

ކަންމިހެން އޮތްނަމަވެސް މިހާރު ކެނދިކުޅުދޫގައި ކުރިއަށްދާ ޝިޔާމް މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ހަވީރު މިދެރަށް ބައްދަލުކުރާއިރު މިއަދުގެ މެޗުވެގެން ގޮސްފައިމިވަނީ އެއްވެސް ކަހަލަ ވާދަވެރިކަމެއްނެތް މެޗެއްގެ ގޮތުގައެވެ. އެހެނީ މިއަދުގެ މެޗަށް ނިކުންނަ އިރުގައިވެސް ހޮޅުދޫއިން ވަނީ އެޓީމުން ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ގްރޫޕް ބީ ގެ 1 ވަނަ ހޯދާފައެވެ. އަދި ވެލިދޫވަނީ މިހާރުވެސް މުބާރާތުން ކަޓާފައެވެ. މިހެންކަމާއި އެކު މިއަދުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައި ވީނަމަވެސް މުބާރާތުގައި ކުރިއަށް ދިއުމަށް މިދެޓީމަށް ކުރާނެ އެއްވެސް އަސަރެއް ނެތެވެ.

ނާރެސް މީޑިޔާ އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މެޗަށް ހޮޅުދޫއިން ނެރޭނީ އެމީހުންގެ ރިޒާވް ޓީމެކެވެ. “މިއަދު އަހަރެމެން ޓީމުގެ ފުލް 11 އަށް ކުޅޭ 9 ކުޅުންތެރިން ނުކުޅޭނެ” ހޮޅުދޫޓީމުގެ ސީނިއަރ ކުޅުންތެރިއަކު ބުންޏެވެ. މި ކުޅުންތެރިޔާ އިތުރަށް މަޢުލޫމާތު ދިން ގޮތުގައި މިގޮތަށް ހަދަނީ އެއްވެސް ހާލެއްގައި ވެލިދޫއަށް އިޚްތިރާމް ކުޑަކުރުމުގެ ގޮތަކުން ނުވަތަ މުބާރާތަށް އިޚްތިރާމް ކުޑަ ކުރުމުގެ ގޮތަކުންވެސް ނޫނެވެ. ބޭނުމަކީ ކުރިއަށް އޮތް ވަރުގަދަ ސެމީފައިނަލް މެޗަށް ކުޅުންތެރިންނަށް އަރާމްކުރުމުގެ ފުރުޞަތު ދިނުމެވެ.

ހޮޅުދޫޓީމުގެ ވިސްނުން މިހެން ހުރިނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވެލިދޫޓީމުން ނުކުންނާނީ ހޮޅުދޫ ބަލިކޮށް މޮޅަކާއިއެކު މުބާރާތް ނިންމާލުމުގެ ބޭނުމުގައެވެ.

މި މުބާރާތުގައި އިއްޔެ ކުޅެވުނު ގްރޫޕް އޭގެ އެންމެފަހު މެޗުގައި މަނަދޫއިން ވަނީ އެންމެފަހުގެ ޗެމްޕިއަން މިލަދޫ މޮޅުވިޔަނުދީ ހިފަހައްޓާފައެވެ. އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި މިލަދޫއިން 2 ލަނޑު ޖަހާފައިވަނިކޮށް މަނަދޫއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ ފަހުހާފުގެ އެންމެފަހު ވަގުތު ކޮޅުގައެވެ.

މިއަދު ހޮޅުދޫ އާއި ވެލިދޫ ބައްދަލުކުރާ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3.45 ގައި ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close