ޤައުމީ އަންހެން ޓީޓީ ޓީމަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީގައި ވާދަކޮށް ޤައުމީ އަންހެން ޓީޓީ ޓީމް ގޯލްޑް މެޑަލް ކާމިޔާބު ކުރުމާއި ގުޅިގެން ޓީމްގެ ހުރިހާ ކުޅުންތެރިންނަށާއި، އޮފިޝަލުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ފައިނަލް މެޗް ނިމުނުތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކުރެއްވި ޓްވީޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ ޤައުމީ އަންހެން ޓީޓީ ޓީމު ހޯދި ކާމިޔާބީގެ ސަބަބުން ވަރަށް އުފާވެވަޑައިގެންފިކަމަށެވެ. އަދި އެ ޓީމަކީ ރާއްޖޭގެ ފަޚުރުކަމަށާއި މުޅި ޤައުމު އެ ކާމިޔާބީ ފާހަގަކުރާކަމަށެވެ.
މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ދިވެހި ޓީމު އައިއޯއިޖީ ބާއްވާ ޤައުމު އަދި އެންމެ ފަހުގެ ޗެމްޕިއަންކަމަށްވާ މޮރިޝަސް ބަލިކުރީ 3 ގޭމް 2 ގޭމުންނެވެ. މިއީ ދިވެހި ޤައުމީ އަންހެން ޓީޓީ ޓީމު ފައިނަލެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މި ފަހަރުގެ ގޭމްސްގައި ދިވެހި ޓީމެއް ގޯލްޑް މެޑަލެއް ހޯދި ފުރަތަމަ ފަހަރެވެ.
ރައީސް ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ ފައިނަލް މެޗު ބައްލަވާފައެވެ. އެބޭފުޅުން މިވަގުތު ތިއްބެވީ ޤައުމީ ޓީމުތަކަށް ހިތްވަރު ދެއްވުމުގެ ގޮތުގަން މޮރިޝަސްގައެވެ. އަދި ޤައުމީ އަންހެން ޓީޓީ ޓީމަށް ގޯލްޑް މެޑަލް ދެއްވީވެސް ރައީސް ޞާލިޙެވެ. މިއީ ރާއްޖޭގެ ރައީސަކު ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކުރި ޤައުމީ ޓީމަކަށް ގޯޅްޑް މެޑަލް ދެއްވި ފުރަތަމަ ފަހަރެވެ.
2023 ވަނަ އަހަރުގެ އައިއޯއައިޖީ ދިވެހިރާއްޖޭގައި ބޭއްވުމަށްވަނީ ރަސްމީކޮށް ހުށަހަޅާފައެވެ.


