ޚަބަރު

އަތޮޅު ކައުންސިލްގެ ނާއިބު ރައީސުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި

އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓިން މިގޮތަށް ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.

އަތޮޅު ކައުންސިލްގެ ނައިބްރައީސް ގެ މުސާރަ ބޮޑުކުރަން މަޖްލިސްގެ ކޮމިޓީގައި ބަހުސްކޮށްފައި މިވަނީ އަތޮޅު ކައުންސިލަރުންގެ މުސާރަ މުރާޖަޢާކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން މަޖްލިސްއަށް ހުށަހަޅާފައިއޮތުމުންނެވެ.

އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ ގޮތުގައި ޢައްޔަނުކުރާ ފަރާތަށާއި އަދި އަތޮޅު ކައުންސިލްގެ ޢާންމު މެންބަރުންގެ ގޮތުގައި ތިއްބަވާ ފަރާތްތަކުގެ މުސާރައާއި ޢިނާޔަތުގައި ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތުގައި ފަރަޤެއް ނެތެވެ. އެގޮތުން އަތޮޅު ކައުންސިލްގެ ނާއިބުންނަށާއި، މެންބަރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 20000 ރުފިޔާއެވެ.

ނަމަވެސް އަތޮޅު ކައުންސިލްތަކުގެ ރައީސް ނެތް ޙާލަތުގައި ރައީސްގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރައްވަން ޖެހެނީ ނައިބު ރައީސްކަމުން، އެހެން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި ޢިނާޔަތްތަކުގައި ފަރަޤެއް ހުންނަންޖެހޭނެކަމަށް ބަޔާންކުރައްވައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަނީ އަތޮޅު ކައުންސިލްގެ ނާއިބު ރައީސުންގެ މުސާރަ މުރާޖަޢާކުރުމަށް މަޖިލީހަށް ހުށައަޅުއްވާފައެވެ.

އެލްޖީއޭގެ މި ހުށައެޅުމާއި ގުޅިގެން އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަމަށް ހޮވޭ ބޭފުޅަކަށް 1000 (އެއްހާސް) ރުފިޔާގެ އެލަވަންސެއް ދެއްވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތަޢީދު ކުރައްވައި ކޮމިޓީގެ އަޤްލަބިއްޔަތުން ވަނީ އެގޮތަށް ފާސްކުރައްވާފައެވެ. މިއާއެކު އަތޮޅު ކައުންސިލްގެ ނާއިބުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 21000 ރުފިޔާ ލިބޭނެއެވެ. އަތޮޅު ކައުންސިލްގެ ރައީސުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 28000 ރުފިޔާއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހުގެ ދަށުން ކައުންސިލްތަކުގެ އޮނިގަނޑަށް މިހާރު އައިސްފައިވާ ބަދަލުގެ ސަބަބުން މުސާރައާއި ޢިނާޔަތުގެ ގޮތުގައި މަހަކަށް 13،508،000 ރުފިޔާ އަދި އަހަރަކަށް 162،096،000 ރުފިޔާ ޚަރަދުވާނެކަމަށް މަޖިލީހުން ލަފާކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާހުތަކާއެކު ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން ރަށުގެ އިޙްތިޞާސްގެ ތެރެއިންވާ ކަންކަމުން އާމްދަނީ ހޯދުމާއި، ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ފައިސާ ދިނުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ސީދާ ލިބޭގޮތަށް ވަނީ ކަނޑައަޅާފައެވެ. އަދި ޤާނޫނު އަސާސީއަށް ގެނައި އިޞްލާހާއެކު އައު ކައުންސިލްތަކުގެ ދައުރު ވަނީ 3 އަހަރުން 5 އަހަރަށް އިތުރުކޮށްފައެވެ.

އެއް ކޮމެންޓް

  1. ސާބަސް ތީ ނުވެފަ އޮތް ކަމަކީ،މި ސަރުކާރަކީ ޖީބައް ބޮޑުކުރާ ސަރުކާރެއް……ތި ކަންތައްތައް ކުރުމައް ވުރެ ތާހިރުވާނެ ސިއްހީ ހިދުމތާ ތައުލީމީ ހިދުމަތް ރަނގަޅު ކުރިއްޔާ…

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close