ޚުތުބާގެ މައުޟޫއު ކަނޑައެޅުން އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަކީ ދީނީ ހަމަނުޖެހުން އުފެދިދާނެ ކަމެއް: މިނިސްޓަރު ޝަހީމް

ޚުތުބާގެ މައުޟޫއުތައް އަމިއްލައަށް ކަނޑައަޅައިގެން ކިޔުމަށް ފުރުސަތު ދީފިނަމަ، ދީނީ ގޮތުން ނުތަނަވަސްކަމާއި ހަމަނުޖެހުން އުފެދުމުގެ ބިރު އެބައޮތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހުރިހާ މިސްކިތެއްގައި އެއް ޚުތުބާއެއް ކިޔަން ނުޖެހޭނެ ކަމަށާއި އިމާމުންނަށް ފެންނަ މައުޟޫއެއް އިޚުތިޔާރު ކުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވުމާ ގުޅިގެންނެވެ. ޑރ. ޝަހީމް ވިދާޅުވީ އަމިއްލައަށް ޚުތުބާ ތައްޔާރުކޮށްގެން ދިނުމުގެ ގާބިލުކަން ހުންނަނީ މަދު އިލްމުވެރިއެއްގެ ކަމަށާއި، އެ ފުރުސަތު ހުޅުވާލައިފިނަމަ އެކި މިސްކިތްތަކުގައި އެކި ފިކުރުތަކަށް ޚުތުބާ ކިޔައި، މުޖުތަމައުގެ މަސްލަހަތު ގެއްލިދާނެ ކަމަށެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ޚުތުބާގެ ނިޒާމު ހިފަހައްޓާފައިވަނީ ދީނީ އެއްބައިވަންތަކަމަށް އިސްކަންދީގެންކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ހުޅުވިފައިވާ ބައެއް ގައުމުތަކުގައި މިނިވަންކޮށް ޚުތުބާ ކިޔުމުގެ ސަބަބުން ތަފާތު ޖަމާއަތްތަކާއި މަޒުހަބީ ހަމަނުޖެހުންތައް އުފެދިފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި އަމަލުކުރާ ހަރުދަނާ ނިޒާމުގެ ސަބަބުން އެފަދަ ކަންކަމުން ސަލާމަތްވެފައިވާތީ، މިއަދު އިސްލާމީ ބޮޑެތި ގައުމުތަކުންވެސް ރާއްޖޭގެ މި މޮޑެލްއަށް އަމާޒު ހިފާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ޚުތުބާ ކުރުކުރުމަކީ ސުންނަތެއް ކަމަށްވާއިރު، އަމިއްލައަށް ޚުތުބާ ކިޔާ ބައެއް ފަރާތްތަކުން ޚުތުބާ ދިގުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓްރީން ޚުތުބާގެ މައުޟޫއުތަކަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލީ، މުޖުތަމައަށް އެންމެ ބޭނުންތެރި މައުޟޫއުތަކަށް ޚުތުބާ ތައްޔާރުކުރުމުގެ މަގްސަދުގައި ކަމަށް ޝަހީމް ވިދާޅުވިއެވެ. ނަމަވެސް، ޚުތުބާ ކިޔުމުގެ ނިޒާމު އޮންނާނީ ކުރީގެ ސަރުކާރުތަކުންވެސް ދަމަހައްޓާފައިވާ ފަދަ ހަރުދަނާ އުސޫލެއްގެ ތެރެއިން ކަމަށާއި، ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ކަންކަމަށް ޖާގަ ނުދެއްވާނެ ކަމަށް މިނިސްޓަރު ބުންޏެވެ. އާންމު ގޮތެއްގައި މިނިސްޓްރީން ވަކި މައުޟޫއަކަށް ޚުތުބާ ކިޔުމުގެ ހުއްދަ ދެނީ ހަމައެކަނި ރާއްޖޭން ބޭރުން ޒިޔާރާތްކުރާ ހާއްސަ އިލްމުވެރިންނަށް އެކަންޏެވެ.



