“ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި” މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
ޓީވީއެމް އިން ކޮންމެ ރަމަޟާން މަހެއްގައި ކުރިއަށްގެންދާ “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި” ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ ރަމަޟާންމަހުވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ މީހަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.
ކުރީ އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް މުބާރާތުގެ ފުރަތަމަ ބައިގައިއޮންނާނީ އޮޑިޝަނެކެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އީޓީ ޖެއްސެވުމަށްފަހު، ނަމާއި، އުމުރާއި، އޮޑިޝަންގައި ބައިވެރިވާ ސަރަޙައްދު ޖެއްސެވުމަށްފަހު 300 އަށް އެސްއެމްއެސް ކުރުމުގެ ފުރުޞަތު މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފާވާކަމަށް ޕީއެސްއެމްއިން ބުނެއެވެ.
މިއަހަރުގެ މުބާރާތުގެ އޮޑިޝަންތައް ރާއްޖޭގެ 4 ސަރަހައްދެއްގައި ބޭއްވުމަށް ޕީއެސްއެމުން ވަނީ ނިންމާފައެވެ. އެއީ ހއ. އިހަވަންދޫ، ރ. ދުވާފަރު، ގދ. ތިނަދޫ އަދި މާލެ ސިޓީއެވެ.
18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށް ކުރިއަށްގެންދަންފެށި މި މުބާރާތް މިދިޔަ އަހަރުވަނީ ކުޑަކުދިންނަށް ޚާއްޞަކޮށްގެން “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޖޫނިއަރ” ގެ ނަމުގައި ކުރިއަށްގެންގޮސްފައެވެ.
އެންމެ އަލިގަދަ ތަރި ޕްރޮގްރާމަކީ ޕަބްލިކް ސަރވިސް މީޑިއާއިން އިންތިޒާމުކޮށްގެން ޢާއްމުންނަށް ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާމެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ކީރިތި ޤުރުއާނާމެދު ޢާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ.
ޓީވީއެމުން “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި” މުބާރާތް ކުރިއަށްގެންދާ މިއީ 7 ވަނަ އަހަރެވެ. 2013 ވަނަ އަހަރު ގެނެސްދޭން ފެށި މި މުބާރާތަށް ކޮންމެ އަހަރަކުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެއެވެ.
މިދިޔައަހަރުގެ މުބާރާތުގެ އެންމެ މޮޅު ބައިވެރިޔާއަށް ( އެންމެއަލިގަދަ ތަރި ) އަށް ވަނީ -/500000ރ. ( ފަސްލައްކަ ރުފިޔާ ) ގެ އިނާމެއް ދީފައެވެ.

