ލަންދޫގައި އަލަށް ޢިމާރާތްކުރަމުންދާ މިސްކިތަށް ކިޔާނެ ނަމެއް ފާސްކޮށްފި
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅުގެ ތެރެއިން ނ.ލަންދޫގައި ޢިމާރާތްކުރަމުންދާ މިސްކިތަށް ކިޔާނެ ނަމެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފާސްކޮށްފިއެވެ.
ލަންދޫގައި އަލަށް ޢިމާރާތްކުރަމުންދާ މިސްކިތަށް ކިޔުމަށް އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ ނަމަކީ، “މަސްޖިދުލް ފުރްޤާން” އެވެ.
މިސްކިތަށް ކިޔާނެ ނަމެއް ފާސްކުރުމަށް އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން ލަންދޫ ކައުންސިލުންވަނީ މިސްކިތަށް ކިޔާނެ ނަމެއް އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށްޓަކައި ނަންތަކެއް ހުށަހެޅުމަށް ލަންދޫގެ ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލައިފައެވެ.
ލަންދޫ ކައުންސިލުން ހުޅުވާލި ފުރުޞަތުގައި ގިނަ ނަންތަކެއް ހުށަހަޅާފައިވާއިރު، ލަންދޫ ކައުންސިލުން އެކުލަވާލައިފައިވާ ދީނީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި 3 ނަމެއްވަނީ ޝޯޓްލިސްޓްކޮށްފައެވެ. އެއީ މަސްޖިދުލް ފުރުޤާން އާއި މަސްޖިދުލް ތައުބާ އަދި މަސްޖިދުލް ފަލާޙުއެވެ.
މި ތިންނަމުގެ ތެރެއިން ދީނީ ކޮމިޓީންވެސް އެންމެ ގިނަ ވޯޓު ލިބުނު ނަން އިސްލާމިކް މިނިސްޓްރީންވަނީ އެ މިސްކިތަށް ކިއުމަށް ފާސްކޮށްފައެވެ.
ލަންދޫގައި ޢިމާރާތްކުރަމުންދާ މިސްކިތް މިހާރުވަނީ ނިމުމަކާއި ދާދި ގާތަށް ގޮސްފައެވެ.
