ކުޅުދުއްފުށީގައި ޢިމާރާތް ކުރާ އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ
ކުޅުދުއްފުށީގައި ޢިމާރާތް ކުރާ އިންޖީނުގޭގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ޔަޤީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު ދެއްވާފައިވާ ކަމަށެވެ.
އެބޭފުޅާ އެ ޔަޤީންކަން ދެއްވާފައިވަނީ މެންބަރު ޔާސިރު އަބުދުއްލަތީފްއާއި، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދުއާއެކު އިއްޔެ ބައްދަލު ކުރެއްވި ކުރެއްވުމެއްގައެވެ.
މި މަޝްރޫޢު އަވަހަށް ނިންމުމަށް، ފެނަކަ ކޯޕަރޭޝަން އިން މަޝްރޫއުއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި މަސައްކަތް ފައްޓަވާ ދެއްވާނެ ކަމުގެ ޔަޤީން ކަން ވެސް ދެއްވިކަމަށް ޔާސިރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޔާސިރު ވިދާޅުވީ އެ ސިޓީގެ އިންޖީނުގޭގެ އާ އޮފީސް އިމާރާތް އަވަސް ކުރުމަށް މަޝްވަރާ ކުރައްވާ އިންޖީނުގޭގެ އާ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް އެމްޑީ ސައީދު ވަނީ މި މަޝްވަރާގައި ވިދާޅުވެފައި ކަމަށެވެ.
ކުޅުދުއްފުށީ ސިޓީގައި އަލަށް އަޅާ އިންޖީނުގޭގެ ބިންގާ މިދިޔަ އަހަރުގެ އޮކްޓޯބަރ 14 ވަނަ ދުވަހު އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު އެވެ. މި އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.
330 ދުވަސްތެރޭހައި މި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާއިރު މި މަޝްރޫއުއަށް 15،755،760.90 ރުފިޔާ ހަރަދުކުރަން ހަމަޖެހިފައިވެ އެވެ.


