ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި
ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މި ކަމަށް އެދިވަޑައިގެންފައިވާކަން އެނގިފައިވަނީ އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕަށް އެމަނިކުފާނު ފޮނުއްވި މެސެޖަކުންނެވެ.
އެމެސެޖްގައި އެމަނިކުފާނު ވިދާޅުވީ ފުލުހުންނާއި ޕީޖީން ރޭ އާންމު ކުރި މައުލޫމާތުގެ އަލީގައި ސަރުކާރުން އަމަލު ކުރަން ޖެހޭ ކަމަށް ފެންނަ ގޮތްތަކާއިމެދު ގޮތް ނިންމެވުމަށް މަޖިލީހުގެ ޖަލްސާއެއް ބޭއްވެވުމަށް ހުށައަޅުއްވާ ކަމަށެވެ.
މި ހުށައެޅުއްވުމުގެ ކުރިއަށް ކުއްލި ނުރައްކާ އިއުލާނުކޮށް ޓެރަރިސްޓުން ހައްޔަރު ކުރަން ފުލުހުންނަށް ފުރުސަތު ދޭން ގޮވާލާ ގަރާރެއް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް ދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
އަދި ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓްރީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ވެސް އެދިވަޑައިގެންފައި ވެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު މިއަދު ފޮނުއްވި މެސެޖުތަކެއްގައި ވަނީ ހަރުކަށި ފިކުރަށް ބޯލަނބާ މީހުންނާއި އެ ފިކުރަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާ މީހުން ރާއްޖޭގައި ގިނަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެކަމުގެ ހައްލަކަށް ރައީސް ނަޝީދު އެދިވަޑައިގެންފައި ވަނީ ހޯމް މިނިސްޓްރީ ރައީސް ސޯލިހްގެ ބެއްލެވުމުގެ ދަށަށް ގެންގޮސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާށެވެ. އޭގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރި ނަމަވެސް ފަހުން ރަނގަޅު ވާނެ ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.
ހަރުކަށި ފިކުރު ހުއްޓުވުމަށް ރައީސް ނަޝީދު ގެންދަވަނީ ތަފާތު ޕްލެޓް ފޯމްތަކުގައްޔާއި، ތަފާތު މުނާސަބުތަކުގައި ކެނޑިނޭޅި ގޮވާލައްވަމުންނެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގެންދަވަނީ ސަރުކާރަށްވެސް ޕްރެޝަރ ކުރައްވަމުންނެވެ.


