މީގެ 16 އަހަރު ކުރިން އެމްޑީޕީ ހޯދަން ނުކުތް އެތި އެމްޕޑީޕީއަށްވެސް އޮޅިއްޖެ – ޝިޔާމް
މީގެ 16 އަހަރު ކުރިން އެމްޑީޕީ ހޯދަން ނުކުތް އެތި އެމްޑީޕީއަށްވެސް މިއަދު އޮޅިއްޖެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ، ރޭ ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވި ވިދާޅުވުމަށް މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ރައްދު ދެއްވި ރައްދާ ގުޅޭ ގޮތުން އޮންލައިން ނޫހެއްގައި ލިޔުމެއް އެޓޭޗް ކުރައްވާފައެވެ.
އެމްޑީޕީ ދެ ފެކްޝަނަކަށް ބައިބައިވަމުން މި ދަނޑިވަޅުގައި ޝިޔާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އެމްޑީޕީ އުފެއްދިތާ 16 އަހަރު ފަހުން ލިބުނީ އެ ޕާޓީން ހޯދަން އުޅުނު ކަންކަން ނޫން އެހެން ކަމެއް ކަން އެ ޕާޓީގެ ލީޑާޝިޕް އިން ފެށިގެން އެންމެ އާންމު މެންބަރަށް ވެސް އެނގޭނެ ކަން ޔަގީންވާ ކަމަށެވެ.
“މީގެ 16 އަހަރު ކުރިން އެމްޑީޕީ ހޯދަން ނުކުތް އެތި މިއަދު އެމްޑީޕީއަށް ވެސް އޮޅިއްޖެ، ލައްކަ ވާހަކަ،” ޝިޔާމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
