ޚަބަރު

ޖަލުގައި ތިބި ހަރުކަށި ފިކުރުގެ ގައިދީން ވަކިޔުނިޓަކަށް ބަދަލުކުރަނީ

ކ. އަތޮޅު މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހަރުކަށި ފިކުުރުގެ ގައިދީންތައް އެތަނުގައި ގާއިމުކޮށްފައިވާ ވަކި ހާއްސަ ޔުނިޓަކަށް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނަށް ހާއްސަ ޔުނިޓެއް އެ ޖަލުގައި ހަދާފައިވަނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އައިމިނަތު ޔުސްރީން “ވަގުތު” އަށް ވިދާޅުވީ، މާފުށީ ޖަލުގައި ހަދާފައިވާ ޔުނިޓަށް ހަރުކަށި ފިކުރަށް ތާއީދުކޮށް، އެފިކުރު ފަތުރާ ކަމަށް އެނގިފައިވާ ފަރާތްތަކުން ބަދަލު ކުރުމުގެ މަސައްކަތް އަންނަ މަހުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

އެކަމަށް ތައްޔާރުވުމުގެ ގޮތުން މިހާރު އެސަސްމެންޓް ހެދުމަށްފަހު އެފަރާތްތަކުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޔުސްރީން ވިދާޅުވިއެވެ.

ޔުސްރީން ވިދާޅުވީ، ޖަލުތަކަކީ މިހާރު ބާރުބޮޑުތަނަކަށް ވުމުން، އެފަދަ ފަރާތްތަކާއި އެކީ އެހެން ބަޔަކު ތިބުމުން އެއީ އެފަރާތްތަކަށް އެފިކުރު ފަތުރަން ލިބޭ ހިތްވަރެއް ކަމުން އެފަދަ ފަރާތްތަކުން ދަނެގަނެ ވަކި ކުރާނެ ކަމަށެވެ.

“ވަކިކޮށް ރިހެބިލިޓޭޓްކޮށް ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި” ޔުސްރީން ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ މީހުން ޖަލުން ވަކި ކުރުމަށް ތައްޔާރުވެފައިވާއިރު، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު މީގެ ކުރިން ވިދާޅުވެފައިވަނީ ޖަލުތަކުގައި 40-50 އާއި ދެމެދުގެ އަދަދަކަށް ހަރުކަށި ފިކުރަށް ތާއިދު ކުރާ ގައިދީން އުޅޭ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close