ޚަބަރު

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލައިފި

މަނީ ލޯންޑްރިންކުރެއްވި ކަމުގެ ތުހުމަތާއި، އެމައްސަލައިގައި ދަޢުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދެއްވިކަމަށް ބުނެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް، ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ދެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައި ވާނެ ކަމަށެވެ.

ފުލުހުން ބުނީ ކުރީގެ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި ހުންނެވި މުއްދަތުގައި ޤާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތުގައި ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަތަކުގެ ތެރެއިން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން، ދަޢުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޢަބްދުﷲ ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމައްސަލައިގައި މަނީ ލޯންޑަރ ކުރުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ އިތުރުން އެ މައްސަލައިގައި މަނީލޯންޑަރކުރުމުގައި ރައީސް ޔާމީނާއި ބައިވެރިވެ އެހީތެރިވެ ދިނުމާއި ދަޢުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތުދީ އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމުގެ ތުޙުމަތުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކުރީގެ ލީގަލް

އެފެއާޒް މިނިސްޓަރަކަށް ހުންނެވި ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށްވެސް ދައުވާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަޙުޤީޤައި ފުލުހުން ހޯދި ހެއްކާއި ޤަރީނާތަކުން ފާހަގަކުރެވުނު ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާއަށް ޚިޔާނާތްތެރިވި ފަރާތްތަކުން އެފައިސާ ޖަމާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެ މައްސަލަ ތަޙުޤީޤު ކުރުމަށްފަހު އެ ފައިސާއަކީ ދަޢުލަތަކަށް ލިބެންޖެހޭ ފައިސާކަމުން އެ ފައިސާ ދަޢުލަތަށް ޙަވާލުކުރުމަށް ދެންނެވިފައިވާ ކަމަށެވެ.

ނަމަވެސް އެ ފައިސާ ދަޢުލަތަށް ޙަވާލުނުކޮށް ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައި އެ ފައިސާ ދައުރުކޮށް މުޢާމަލާތްކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުން ކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ޔާމީނާއި އާޒިމާއަށް ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވާއިރު ރައީސް ޔާމީނާއި ނާއިބު ރައީސް އަޙްމަދު އަދީބު މަނީ ލޯންޑްރިން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކިތައް ހުރި ލިޔެކިޔުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށާއި ފުލުހުންނަށް އެޓަރނީ ޖެނެރަލް، އޭޖީ އޮފީހުން ވަނީ ފޮނުވާފައެވެ.

އެ ލިޔެ ކިޔުންތަކަކީ ކުރީގެ ނާއިބު ރައީސް އަދީބުގެ މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒް ކުރުމަށްފަހު ބައިނަލްއަޤްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްޔާރުކޮށްފައިވާ ތަޙްޤީޤު ރިޕޯޓަކާއި އެއާގުޅޭ ލިޔެ ކިޔުންތަކެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close