ޢީދުގައި އުފާ ފައުޅު ކުރުންވެއެވެ. އެހެނަސް އިމުގެ ތެރެއިންނެވެ.
އުފާ ފާޅުކުރުމަށް ދެއްވި 2 ޢީދުގެ މާނަ އޮޅުވާލައި ގިނަ މީހުން ޢީދު ފާހަގަ ކުރަނީ الله ގެ އަމުރުފުޅާ ޚިލާފުވެ އެއިލާހަށް ބިރުވެތިނުވެ ފާހަގަ ކުރާ ބޮޑު ފާހިޝް މަޖާގަނޑެއްގެ ގޮތުގައެވެ. ނުވަތަ މުސްލިމުންގެ ޢީދަކީ އިންޑިޔާގެ ދިވާލީ ފާހަކުރާ ފަދައިން މުޅި އެންމެން ކުލައިން ތަތްތަޅުވާލަން ޖެހޭކަމެއް ނޫނެވެ.
ބްރެކްޑާންސް ކުރުމާއި އެމީހަކަށް ޖެއްސުނު ވައްތަރެއް ޖައްސައި ލަވައާއި މިއުޒިކުން ޖައްވު ގުގުމައިލައި 2 ޖިންސު މަސްހުނި ކޮށް ނާޗަރާނގީ އަކަށްވާގޮތަށް ޢީދު ފާހަގަ ކުރުމުގެ ޘަޤާފަތް ހުއްޓާލަން ޖެހެއެވެ. ނުވަތަ މި ޤައުމުގައި މިއޮތީ އިސްލާމީ ވެރިކަމެއް ކަމުގައިވާ ނަމަ ، ވެރިކަމުގެ ފަރާތުން މިފަދަ މުންކަރާތްތައް ހުއްޓުވަން ޖެހެއެވެ.
މުސްލިމުން ޢީދު ފާހަގަ ކުރަން ޖެހެނީ އެއިލާހުގެ ރުހި ވޮޑިގަތުން ލިބޭ އިމުގެ ތެރެއިންނެވެ. އެއްވެސް ހާލެއްގައި ކާފަރުން ޢީދުފާހަގަ ކުރާ ފަދައިން އެކަން މުންކަރާތަކަށް ވާގޮތަކަށްނޫނެވެ. މިއީ އެއްވެސް ހާލެއްގައި މީހުން ހެއްވާލައި ހިތް އުފާކޮށްލުމެއް ނޫނެވެ.
الرعد ސޫރަތުގައި الله ވަހީ ކުރައްވާފައިވަނީ
﴿28﴾ الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟
އަލް އަހްޒާބް ސޫރަތުގައި މާތް ﷲ ވަހީ ކުރައްވާފައިވަނީ ﴿ وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا﴾ (سورة الأحزاب: 36) މާނައީ:- “އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.”
އީމާންކަމުގެ އަހުލުވެރީންނަކީ އުފާފާޅުކުރުމުގެ ވަގުތުގައިވެސް މައިތިރިވާބައެކެވެ. ހިތްތިރިކޮށް ތަވާޟުއުވެރިވާ މީހުންނެވެ. ކިބުރުވެރިކަމާއެކު މަތިހަށިނަގައި މޭފުއްޕައިނުލާ މީހުންނެވެ. އީމާންކަމުގެ އަހުލުވެރީންނަކީ އުފާފާގަތިކަމުގެ ވަގުތުގައިވެސް ނިއަނެތިކަމާއި، އިހްތިރާމާއެކު މާތްﷲ އަށްޓަކައި އިސްއޮބައިލާމީހުންނެވެ. މާތްﷲގެ ރަސްވަންތަ ކަމަށް އިޢުތިރާފުވެ ތިމާގެ ނިތްކުރި ބިންމަތީގައި ޖައްސައިލާމީހުންނެވެ.

