ޙޫރުލްޢީނުން (ފަނަރަވަނަބައި) – ފިރިންދެކެ ނޫނީ ލޯބިނުވާ ޝަޢުޤުވެރިނުވާ އަންހެނުން
ޞާދު ސޫރަތުގެ 52 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
۞ وَعِندَهُمْ قَاصِرَاتُ الطَّرْفِ أَتْرَابٌ ﴿٥٢﴾
މާނައީ ” އަދި އެއުރެންނަށް އެއްފުރާގެ އަނބިންތައްވެއެވެ. އެ އަނބިން، ފިރިން ނޫން އެހެންބަޔަކަށް ނުބަލާނެތެވެ.”
ﷲ ތަޢާލާ މިއަންހެނުންތައް ލައްވަވާފައިވަނީ، ހަމައެކަނި އެމީހުންގެ ފިރިންދެކެ ލޯބިވާ، ވަފާތެރި ބައެއްގެ ގޮތުގައެވެ. އެއަންހެނުންތައް އެހެން އެއްވެސް މީހަކަށް ޝަޢުޤުވެރިއެއް ނުވާނެއެވެ. އަދި އެމީހުންގެ ފިރިން ފިޔަވައި، އެހެން ބަޔަކަށް ނަޒަރު ނުހިންގާނެއެވެ.
މިއާޔަތުގެ އެހެން މާނައަކީ، މި އަންހެނުންގެ ރީތިކަމުގެ ސަބަބުން، އެމީހުންގެ ފިރީންގެ ކަޅިތައްވާނީ، އެމީހުންނާއި ދިމާލަށް ހުއްޓިފައެވެ. ޖަންނަތުގެ އަންހެނުންވާހުށީ، އެމީހުންގެ ފިރިންނާއި އެއް ޢުމުރުފުރައިގެ ބައެއްކަމުގައެވެ. އެހެންކަމުން، އެމީހުންގެ ދޭތެރޭގައި އޮންނަ ގުޅުމާއި ލޯބި ރަނގަޅުވާނެއެވެ.
” މުޢާޛު ބިން ޖަބަލު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” ދުނިޔޭގައި ފިރިމީހާއަށް އަނބިމީހާ އުނދަގޫކޮށްފިއްޔާ، ޙޫރުލްޢީނުންގެ ތެރެއިން އޭނާގެ އަނބެއް ބުނާނެއެވެ. “އޭނާއަށް އުނދަގޫކޮށް، ޖެއްސުން ނުކުރާށެވެ. ކަލެއަށް ހަލާކުހުއްޓެވެ. އޭނާއަކީ، ކަލޭގެ ކައިރީގައިވާ ވަޤުތީ ބީރައްޓެއްސެކެވެ. ވަރަށް އަވަހަށް އޭނާ އަހުރެމެންގެ ގާތަށް އަންނާނެއެވެ.”
[رواه الترمذي وقال رحمه الله: حديث حسن – الترمذي: 407/3 – وأخرجه الذهبي من طريق أبي داود وقال رحمه الله: إسناد صحيح متصل – سير أعلام النبلاء: 47/4]
(ނުނިމޭ)
