ޢިބްރަތްތެރި ވާހަކައަކާއިއެކު، ޖަންނަތް ހޯދުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން
އަހަރުމެންގެ ތެރެއިން އެކަކަށްވެސް ޖަންނަތަށް ވަދެވޭނެ ކަމުގެ ގެރެންޓީއެއް ނެތެވެ. ބުޚާރީ އާއި މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައިވަނީ، މީހަކު ޖަންނަތާއި އޭނާގެއާއި ކައިވަތެއްގެ މިންވަރުހައި ކައިރިވަންދެން ހެޔޮޢަމަލު ކުރަމުންދާނެއެވެ. ދެން އޭނާގެ މައްޗަށް ޤަދަރުގައި ލިޔެވިފައިވާގޮތް ގަދަވެގަނެ، ނަރަކައިގެ އަހުލުވެރީންގެ ޢަމަލުތައް ކުރަމުންގޮސް ނަރަކައަށް ވަދެއެވެ. ޝަހާދަތުގެ ކަލިމަ، އިޚްލާޞްތެރިކަމާއެކު ކިޔައިފިމީހާ، ކޮންމެވެސް ދުވަހަކުން ޖަންނަތައް ވަދެވޭނެކަމުގެ ގެރެންޓީ ﷲ ތަޢާލާ ދެއްވާފައިވެއެވެ. ނަމަވެސް، އެއްވެސް މުއުމިނަކަށް އީމާންކަންމަތީގައި ހުރެ، ދުނިޔެއިން ވަކިވެގެން ދެވޭނެކަމުގެ ޔަޤީންކަމެއް ނޯވެއެވެ. އެހެންކަމުން، ކޮންމެ މުއުމިނެއްގެ މައްޗަށްވެސްވަނީ، އޭނާ މަރުވެއްޖައުމަށް ދާންދެން، ﷲ ގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުންމަތީ ދެމިހުރުމެވެ. އެގޮތުން އަލް މުޠައްފިފީން ސޫރަތުގެ 26 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ﴿٢٦﴾
މާނައީ ” ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ! “
އަދިވެސް ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 133 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ.
وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾
މާނައީ” އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ.”
އިބްނު އަބިއްދުންޏާ ރަޙިމަހުﷲ ސުލައިމާން އައްދާރާނީ ރަޙިމަހުﷲ ގެ އަރިހުން ރިވާކުރެއްވިއެވެ. އެއްއިރެއްގައި އިރާޤުގައި، ﷲ އަށް އަޅުކަންކުރުމުގައި ގަދައަޅާ މަސައްކަތްކުރާ ޒުވާނަކު އުޅުނެއެވެ. އެއްފަހަރަކު މައްކާގެ އޭނާގެ ރަޙުމަތްތެރިއަކާއި އެކު ދަތުރެއް ދިޔައެވެ. ދަތުރުގައި، އެހެންމީހުން އަރާމު ކުރަމުންދާ ވަގުތު، އޭނާ ނަމާދު ކުރެއެވެ. އަދި އެހެން މީހުން ކައިބޮއެ ހަދަމުންދާއިރު، އޭނާ ހުންނަނީ ރޯދައަށެވެ. އަދި އޭނާގެ ރަޙުމަތްތެރިޔާ ހުންނަނީ އޭނާގެ ގާތުގައެވެ. ދެން ދަތުރެއްގައި ދެމީހުން ވަކިވާ ހިސާބަށް ދެވުމުން، އޭނާގެ ރަޙުމަތްތެރިޔާ އޭނާގެ ގާތުގައި އަހާލިއެވެ. ” އޭ އަހުރެންގެ އަޚާއެވެ! ނިކަން ބުނެބަލާށެވެ. ތިބާ ތިޔަހެން ކަންތައް ކުރަމުން، ތިޔަގެންދަނީ ކީއްވެހެއްޔެވެ؟” އޭނާ ބުންޏެވެ. “އަހުރެންނަށް ހުވަފެނެއްގައި ޖަންނަތުން ގަނޑުވަރެއް ފެނުނެވެ. ރަނުން ޖެހިފައިވާ ގަލަކާއި ރިހިން ޖެހިފައިވާ ގަލެކެވެ. ގަނޑުވަރުގެ ނިމޭ ހިސާބުގައި މުތީއިން ހެދިފައިވާ ބެލްކަންޏަކާއި، އަލިމަހުން ހެދިފައިވާ ބެލްކަންޏެއް ވެއެވެ. އެދެބެލްކަނީގެ ދޭތެރޭގައި އިސްތަށި ވިހުރިވިހުރި ހުރި ޙޫރެއް ހުއްޓެވެ. އޭބާ ކައިގެންހުރީ ރިހިކުލައިގެ ހެދުމެކެވެ. އެއަންހެނާ ބުންޏެވެ. “އަހުރެން ހޯދުމަށްޓަކައި، ﷲ ރުއްސެވުން އެދި ގަދައަޅާ މަސައްކަތްކުރާށެވެ.” ﷲ ގަންދީ ބުނަމެވެ. އެހެންކަމުން، އެއަންހެނާއާއި ހަމައަށް ފޯރުމަށްޓަކައި، އަހުރެން ﷲ ގެ ރުއްސެވުން އެދިގެން މިގަދައަޅާ މަސައްކަތްކުރަނީއެވެ. ތިބާއަށް އަހުރެން ނަމާދުކޮށް، ރޯދަހިފާތަން ތިޔަފެންނަނީ އެހެން ވެގެންނެއެވެ.”
[ރިފަރެންސް: ޢަބްދުﷲ ނަނާ ލިޔުއްވާފައިވާ “ޙޫރުލްޢީނުން” މިފޮތުން ނެގިފައި]


