ޕަރީނާގެ ބަގީޗާ (ކުޑަކުދިންގެ ވާހަކަ 56)
ޕަރީނާގެ ބަގީޗާ (ކުޑަކުދިންގެ ވާހަކަ 56)
ބަގީޗާގެ ގަސްތަކުގައި ރީތިމާތައް ފަރިވެ ފޮޅިފައިވާ ދުވަހެކެވެ. އެމާތަކުން ދުވާ މީރުވަހުން މުޅި ބަގީޗާވަނީ އެއްވަސް ކޮށްލާފައެވެ. ޕަރީނާ އޭނާގެ އެކުވެރި ޕާރީތަކާއި އެކު މާބަގީޗާގައި އުދުހެމުން މަޖާކުރަމުން ގެންދިޔައެވެ. އެއީ ޕަރީނާއާއި އޭނާގެ އެކުވެރި ޕަރީންގެ މާބަގީޗާއެވެ. މިހެން އުޅެނިކޮށް ގަސްތަކުގެ ތެރެއިން ހުދު މުސަޅެއް ނުކުތެވެ. އެސޮރުވަނީ ނިކަން ބަނޑުހައިވެފައެވެ. މުޅިހިސާބުގައި ދުވެދުވެ ވަރުބަލިވެފައެވެ. “މިއަދު އަހަރެންނަށް ކާނެ އެއްޗެއް މި ހިސާބަކުން ނުލިބުން.” މުސަޅު ވަރަށް ދެރަވެލާފައި ބުންޏެވެ. މިއަޑު ޕަރީނާއަށް އިވުނެވެ.
ޕަރީނާ އޭނާގެ އެކުވެރިން ކުރެން މުސަޅަށް އެހީތެރިވެދިނުމަށް އެދުނެވެ. “ކިހިނެތް ހަދާނީ؟ މިއީ މީހުން އުޅޭ ހިސާބެއް ނޫން.” އެތަނުން އެއް ޕަރީ ބުންޏެވެ. ފަސްޕަރީވެގެން މަޝްވަރާކުރުމަށްފަހު ނިންމީ މުސަޅަށް ކާނާއެއް ލިބޭނެ ގޮތެއް ބުނެދިނުމަށެވެ. މުސަޅު އޮތް ހިސާބުން ފެށިގެން ތަރުކާރީ ދަނޑަކާއި ހަމައަށް މާމަލުގެ ފިޔަތައް އަޅަން ޕަރީނާ ޙިޔާލު ދިނެވެ. ފުރަތަމަ ކަމަކަށް ޕަރީތައް މީރުވަސްދުވާ ގަދަ ކުލަތަކުގެ މާތައް ބިނެވެ. ދެން ފަހަރަކު ޕަރީއެއް އެ ޕަރީއެއްގެ އަތުގައި ހުރި މާތަކުގެ ފިޔަތައް ދަތުރުކުރަންވީ މަގަށް އަޅަމުން ގެންދިޔައެވެ.
އެއް ޕަރީ ވަރުބަލިވުމުން އަނެއް ޕަރީގެ އަތުގައި ހުރި މާތައްކުން ފިޔަ ނައްޓުވައިގެން މަގު ފާހަކޮށްދޭން މަސައްކަތް ކުރިއެވެ. މުސަޅު ފިޔަތަކަށް ބަލަމުން އެއްބައިފަހަރު ފިޔަތައް ކަމުން ކަހަލަ ގޮތަކަށް މަގުން ހިނގަމުން ދިޔައެވެ. ދަނޑާއި ހަމަވުމުން ޝުކުރުވެރި ގޮތަކަށް ބަލާލުމަށްފަހު ތަރުކާރީތައް ބިންނަން ފެށިއެވެ.
ވާހަކަ ކިޔުމަށްފަހު މަސައްކަތް ފުރިހަމަކޮށްލާށެވެ.
ތިރީގައިވާ ޖުމުލަ ތަކުން ރަނގަޅު ޖުމުލަ ފާހަގަކުރާށެވެ.
(ހ) ގަސްތަކުގެ ތެރޭގައިން ނިކުތީ އަޅިކުލައިގެ މުސަޅެކެވެ.
(ށ) ޕަރީތައް މުސަޅަށް އެހީވުމަށް ގަސްތަކުގެ ފަތް ބިނެވެ.
(ނ) ޕަރީތައް މުސަޅަށް މަގު ދައްކައިދިނީ މުސަޅު ބަނޑުހައިވެފައި އޮތީމައެވެ.
- ތިރީގައިވާ 3 ސުވާލަށް ޖަވާބު ދޭށެވެ.
(ހ) މުސަޅު ވަރުބަލިވެފައި އޮތީ ކީއްވެ؟
(ށ) ޕަރީތައް މުސަޅަށް އެހީވުމަށް ފުރަތަމަ ކުރީ ކޮންކަމެއް؟
(ނ) ތިޔަދަރިވަރު އެބަގީޗާގައި ހުރިނަމަ މުސަޅަށް އެހީވުމަށް ކޮށްދޭނީ ކޮންކަމެއް؟