ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަކެއްވެސް ބަޔާން ނެރެފި
ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް ކަމަށްބުނެ، ޤާނޫނޫލް އުޤޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާއި ދެކޮޅަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ބަޔާނެއް ނެރެފިއެވެ.
މަޖިލީހުގެ 10 މެމްބަރަކު ސޮއިކޮށް އިއްޔެ އާންމު ކުރި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ އިސްލާހާއި މެދު އެ މެމްބަރުންގެ ގިނަ ކަންބޮޑުވުންތައް އެބަހުއްޓެވެ. މިގޮތުން އެ އިސްލާހުން ނަފްރަތުގެ އަމަލުތައް ހުއްޓުވުމުގެ ބަދަލުގައި މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ނެތިގޮސް ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދިގެން ދާނެ ކަމަށް ޤަބޫލު ކުރެވޭކަމަށް ވެސް އެ މެމްބަރުން ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން އެ ބިލަށް އިސްލާމިކް މިނިސްޓްރީންނާއި، ހިއުމަން ރައިޓްސް ކޮމިޝަނުން ހުށަހެޅި އިސްލާހުތަކަށް ރިއާޔަތް ކުރުމެއް ނެތި ކޮމިޓީ މަރުހަލާއިން ފާސްކޮށްފައިވާތީ އެކަމާއިވެސް އެ މެމްބަރުން ކަންބޮޑުވާކަމަށް ވަނީ ބުނެފައެވެ. އަދި ވީހާވެސް ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނޫނީ ޤާނޫނުތައް އިސްލާހު ނުކުރުމަށް ވަނީ ގޮވާލާފައެވެ.
އަދި އެފަދަ ގިނަ ސަބަބުތަކަކަށްޓަކައި، އެ ބިލަށް ތާއީދު ކުރެވެންނެތް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.



