ރޯދަ ވީއްލުމުގައި ސުންނަތް ގޮތަކީ ކޮބާ؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުން ދަލީލު ލިބެނީ، ރޯދަ ވިއްލުމުގައި ސުންނަތް ގޮތަކީ، ރޯދަވިއްލުން ވީހާވެސް އަވަސްކުރުންކަމެވެ.
ސަޢުދު ބިން ސަހުލު ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނަގައިވެއެވެ. (( ރޯދަ ވީއްލުން އަވަސް ކުރާހައި ހިނދަކު މީސްތަކުން ވަނީ ހެޔޮކަމުގައެވެ. )) – رواه البخاري ومسلم –
އެގޮތުން، އެއްމެ އެކަށީގެންވާ ގޮތަކީ، ބަނޑުހައިކަން ކެނޑިގެންދާވަރުގެ ކުޑަ އެތިކޮޅަކުން ފުރަތަމަ ރޯދަވީއްލުމަށްފަހު، ދެން ނަމާދުކުރުމަށް އަވަސްވެގަތުމެވެ. އެއަށްފަހު ބޭނުންވާނަމަ، ކެއުމަށް އަލުން ރުޖޫޢަވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވީ މިފަދައިންނެވެ.
އަނަސް ބުން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( ނަމާދުގެ ކުރިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯ ކަދުރުން ރޯދަވީއްލަވައެވެ. ރޯ ކަދުރު ނުލިބިއްޖެ ނަމަ ހިކި ކަދުރުންނެވެ. ފެން ކޯވަރުތަކަކުންނެވެ. )) – رواه الترمذي وصححه الألباني في صحيح أبي داود –
މި ޙަދީޘްގެ ޝަރަޙައިގައި ފަޟީލަތުއްޝައިޚް އަލް މުބާރަކުފޫރީ – ހަފިޡަހުﷲ – ވިދާޅުވެފައި ވެއެވެ. ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރޯދަ ވީއްލުން އަވަސްކުރުމަށް ބާރުއަޅުއްވައިފައިވާ މިންވަރު މި ޙަދީޘުން އެނގިގެން ދެއެވެ. “
والله أعلم
