ކުރައްވާ ހެޔޮޢަމަލުތައް “ދެއްކުންތެރި” ކަމުގެ ތެރެއަށް ވަދެދާނެތީވެ، އެބޭކަލުން އުޅުއްވިގޮތް (ތިންވަނަބައި)
އަލްފުޟައިލު ބްނު ޢިޔާޟު ވިދާޅުވިއެވެ. “އެކަނިވެރިކަމުން މުނިފޫހިކަން އިޙްސާސްވެ، އަދި މީސްތަކުންނާއި އެކުގައިވުމުން މުނިއަވަސްފިލާ މީހަކު ދެއްކުންތެރިކަމުން ސަލާމަތް ނުވާނެއެވެ!”
[ފޮތް: އަލްޢުޒާލާ ލިއިބްނު އަބިއްދުންޔާ | 30]
އަބޫ ޙާޒިމު ވިދާޅުވިއެވެ. “ތިބާގެ ފާފަތައް ފޮރުވާވަރަށްވުރެ ގިނައިން، ތިބާގެ ހެޔޮ ޢަމަލުތައް ވަންހަނާކޮށް ފޮރުވާށެވެ.”
[ފޮތް: އަލްމު ޞައްނިފު | 7/195]
އަބޫ އިޞާމު އައްރަމްލީ ވިދާޅުވިއެވެ. “އެއްދުވަހަކު އަލްޙަސަނު ޙަދީޘް ކިޔާދެއްވާ ވަޢުޡު ދެއްވިއެވެ. ދެން އެމަޖްލީހުގައި އިން މީހަކު (ރޮއެ ހިތާމަކުރާގޮތަށް އަޑުހަރުކޮށް) ނޭވާލިއެވެ. އެހިނދު އަލްޙަސަނު ވިދާޅުވިއެވެ: ‘ ތިޔައީ ﷲ އަށްޓަކައި ކުރިކަމެއް ކަމުގައިވާނަމަ ފަހެ ކަލޭގެ ނަފްސު މަޝްޙޫރުކޮށްފީމުއެވެ! އަދި ﷲ ފިޔަވައި އެހެން ފަރާތަކަށްޓަކައި ކުރިކަމެއްނަމަ ފަހެ ކަލޭ ހަލާކުވެއްޖެއެވެ.”
[ފޮތް: އަލްއިޚްލާޞް ލިއިބްނު އަބިއްދުންޔާ | 44]
ބިޝްރު ބްނުލް ޙާރިޘް ވިދާޅުވިއެވެ: ” (މީސްތަކުންގެ ތެރޭގައި) އެނގިގެންވުމަށް ލޯބިކޮށްފި މީހަކުގެ ދީން ފިލައިގޮސް ފަޟީޙަތްވާކަން މެނުވީ އަހުރެންގެނަށް އެނގިގެނެއް ނުވެއެވެ.”
އަދިވެސް ވިދާޅުވިއެވެ: “މީސްތަކުންނަށް އެމީހަކު އެނގިގެންވުމަށް ލޯބިކުރާ މީހަކަށް އާޚިރަތުގެ (ސުވަރުގޭގެ) ފޮނިމީރުކަން އިޙްސާސެއް ނުވާނެއެވެ.”
[ފޮތް: ޙިލްޔަތުލް އައުލިޔާ | 8/348]
އަބޫ އަލް ޢަލިޔާ ވިދާޅުވަފައިވެއެވެ. ”އަހުރެން ލިޔުމަށާއި އަދި ޤުރުއާން ދަސްކުރީ ތިމަންނާގެ ޢާއިލާއަށް ނޭނގޭ ގޮތަށެވެ. އަދި ތިމަންނާގެ ހެދުމުން (ފޭރާމުން) ދުވަހަކުވެސް ގަލަމުދެލި ފެނިފައި ނުވާނެއެވެ.“
[ރިފަރެންސް: އައްޛަހަބީ، ސިޔަރު އައްލާމް އައްނުބަލާ،~ އަބޫ ނުޢައިމް، ހިލްޔަތުލް އަލްއައުލިޔާ،~ އިބިދް]
(ނުނިމޭ)
