ނަމާދުގައި ހުއްޓައި ނިދިޖެހުމުން ވުޟޫ ގެއްލޭނެތޯ؟
ތަރާވީހު ނަމާދާއި، ދަމު ނަމާދަކީ ޖަމާޢަތުގައި ކުރާއިރު ފުދޭވަރަކަށް ދިގު ނަމާދުތަކަށް ވުމާއެކު ބައެއް މީހުން އެނަމާދުތަކުގައި ހުންނަ އިރު ނިދިޖެހޭގޮތް އެބަދިމާވެއެވެ. އެހެންވެއްޖެނަމަ ވުޟޫ ގެއްލޭނެތޯ ނުވަތަ ނޫންތޯ މިއީ ސުވާލެކެވެ. އަދި ވުޟޫ ގެއްލިއްޖެނަމަ ނަމާދު ބާތިލް ވާނެއެވެ.
މި މައްސަލައިގައި ޢިލްމްވެރިން ވަނީ ތަފާތު ރައުޔުތައް ގެންނަވާފައެވެ.
ފުރަތަމަ ގައުލު: ނިދި ޖެހިއްޖެނަމަ ވުޅޫ ގެއްލުން، އެނިންޖަކީ ގަދަ ނިންޖަކައް ވިޔަސް ނުވަތަ ގަދަ ނޫން ނިންޖަކައް ވިޔަސްއެވެ. އަދި ކޮންމެ ސިފައެއްގައި ނިދުނު ކަމުގައިވީނަމަވެސްމެއެވެ.
މިއީ إسحاق ، مزاني ، حسنولالبصاري ، އަދި إبنولمنذر ގެ ގައުލެވެ.
ދަލީލަކީ : މާތް ﷲ (سبحانه و تعالى) ރުއްސުންލެއްވި ސަފްވާން ބިން އައްސާލްގެ ރިވާޔަތެވެ.
(كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُنَا إِذَا كُنَّا سَفَرًا أَنْ لا نَنْزِعَ خِفَافَنَا ثَلاثَةَ أَيَّامٍ وَلَيَالِيهِنَّ إِلا مِنْ جَنَابَةٍ , وَلَكِنْ مِنْ غَائِطٍ وَبَوْلٍ وَنَوْمٍ ) رواه الترمذي,
މާނައަކީ: “ ތިމަންމެން ދަތުރެއްގެ މަތީގައިވާނަމަ، ޖުނުބުވެރި ހާލަތެއް މެދުވެރި ނުވާނަމަ ތިން ރޭ ތިން ދުވަސް ވަންދެން ކުއްފު ނުބޭލުމަށް ކީރިތި ރަސޫލާ صلى الله عليه وسلم އަމުރު ކުރައްވައެވެ. އެހެންނަމަވެސް ކުޑަކަމު، ބޮޑުކަމު ނުވަތަ ނިދި ޖެހިއްޖެނަމަ ބާލަމެވެ.“
މި ހަދީޘްގައި ވުޟޫ ގެއްލޭ ކަންތަކުގެ ތެރޭގައި ނިދިޖެހުން ބަޔާން ކުރައްވާފައިވެއެވެ.
އޭ ކޮންމެ ގޮތަކަށް ނިދުން ކަމުގައި ވީނަމަވެސްއެވެ.
ދެވަނަ ގައުލު: ނިދިޖެހުމަކުން ވުޟޫ އެއް ނުގެއްލޭނެ ކަމައް ބުނާ ބުނުމެވެ.
މިއީ އަބޫ މޫސަލް އަޝަރީ އާއި ސާއީދު ބިން އަލަމުސައްޔިބްގެ ރައުޔެވެ.
(أن الصَّحابة رضي الله عنهم كانوا ينتظرون العِشاء على عهد رسول الله صَلَّى اللهُ عَلَيْهِ وسَلَّمَ حتى تخفِقَ رؤوسهم ثم يُصلُّون ولا يتوضؤون)
މާނައަކީ: “ ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ސަހާބީން އިޝާ ނަމާދައް އިންތިޒާރު ކުރަމުން ގޮސް އެބޭކަލުން ނިދިޖެހި އެކަކު އަނެކަކުގެ ބޯޖެހިވެއެވެ. ނަމަވެސް، ވުޟޫ ކުރުއްވުމެއް ނެތި ނަމާދު ކުރައްވައެވެ.“
މިއީ، އިމާމް މުސްލިމް رَحِمَهُ ٱللَّٰهُ ގެ ރިވާޔަތެކެވެ. އިމާމް ބަހްޒާރް رَحِمَهُ ٱللَّٰهُ ގެ ރިވާޔަތެއްގައި ވެއެވެ. (يضعون جنوبهم)
މާނައަކީ : “ ބައެއް ސަހާބީން އެއްއަރިޔަކައް އޮށޯވެވެސް ތިއްބަވައެވެ.“
ތިން ގައުލު: އިސްވެދިޔަ ދެގައުލުގެ ދަލީލްގެ ދަލީލުތައް އެކުރައްވާ މިބޭފުޅުން ވިދާޅުވަނީ ގަދަ ނިންޖަކުން ނިދިއްޖެނަމަ ވުޟޫ ގެއްލޭނެ ކަމަށެވެ. އަދި އާދައިގެ މަޑު ނިންޖެއް ޖެހުނު ނަމަވެސް ވުޟޫ ނުގެއްލޭނެ ކަމަށެވެ.
މި މައްސަލާގައި ރާޖިހް ގޮތަކީ ގަދަ ނިންޖަކުން ނިދިއްޖެނަމަ ވުޟޫ ގެއްލުމެވެ. އަދި މަޑު ނިންޖެއްނަމަ ވުޟޫ ނުގެއްލުމެވެ.
والله أعلم
ޖަވާބު ދެއްވީ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް.


