ދީނާ ގުޅުންހުރި ކަންކަމަކީ ހަމައެކަނި ދެއްކުންތެރިކަމެއް ހެއްޔެވެ؟

އަޅުގަނޑުމެންގެ މުޖުތަމަޢުން އާންމުކޮށް ފެންނަ، ނަމަވެސް ހިތާމަވެރި މަންޒަރެއް ދާދި ފަހުންވެސް ތަޖުރިބާކުރެވުނެވެ. އެއީ މީގެ ކުރިންވެސް މިފަދަ ކަންކަން ފެނުމުން ހިތަށް އަރާ ސުވާލުތައް އާލާކުރުވި ކަމެކެވެ.
އެކުވެރިންނާއެކު ހަވީރު ސައިބޯން ކެފޭއަކަށް ވަދެވުނު ވަގުތު، ކަންފަތުގައި ޖެހުނީ ވަރަށް ބާރަށް ޖަހާފައި ހުރި ލޯބީގެ ލަވައެއްގެ އަޑެވެ. އެ އަޑު އަންނަ ދިމާއަށް ބަލާލިއިރު، މީހަކު އޭނާގެ ކުޑަ ސްޕީކަރަކުން މުޅި ތަނަށް އިވޭވަރަށް ލަވަ ޖަހައިގެން އިނެވެ. ލަވައިގެ އަޑު ގަދަކަމުން ކައިރީގައި ތިބި އެކުވެރިން ދައްކާ ވާހަކައަށް ސަމާލުކަން ދިނުން ވީ އުނދަގޫ ކަމަކަށެވެ. އެ ވަގުތު ހިތަށް އެރިއެވެ. މިފަދަ ތަނެއްގައި މީހަކު ސްޕީކަރަކުން ޤުރުއާން ނުވަތަ ދީނީ ދަރުސެއް ޖަހައިގެން އިނީނަމަ، މީހުން ބުނާނީ ކީކޭ ހެއްޔެވެ؟ “ތިއީ ހާދަ ދެއްކުންތެރި މީހެކޭ” ބުނެ އެމީހަކަށް މަލާމާތް ނުކުރާނެ ހެއްޔެވެ؟
ހަގީގަތުގައި މިއީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި އޮތް ވަރަށް ބޮޑު މައްސަލައެކެވެ. މީހަކު ޤުރުއާން ކިޔަވާ އަޑު އިވުނަސް، ޚުޝޫޢަތްތެރިކަމާއެކު ދުޢާއަށް އަތްނަގައިގެން އިންނަތަން ފެނުނަސް، ނުވަތަ މީހަކަށް ހެޔޮކަމެއް ކޮށްދީ ހަދިޔާއެއް ދިނަސް، އެއީ “ދެއްކުންތެރިކަން” ކަމުގައި ނިންމާ މީހުން މަދެއް ނޫނެވެ. މިސްކިތުގެ އިމާމު މީހާ ނަމާދުގައި ރީތިކޮށް ކިޔެވިޔަސް، ނުވަތަ ދީނީ ޢިލްމުވެރިއަކަށް ދަރުސެއްގެ ތެރެއިން އަސަރުކޮށްގެން ކަރުނަ އެޅުނަސް، އެއީވެސް ބައެއް މީހުންގެ ނަޒަރުގައި ހަމައެކަނި ދެއްކުމެކެވެ.
އެކަމަކު ހައިރާންވާންޖެހޭ ކަމަކީ، ލަވައެއްގެ އަސަރުގައި މީހަކު ރޯން އިނަސް އެއީ އޭނާއަށް ކުރި އަސަރެއް ކަމަށް ބަލައި ހަމްދަރުދީވާއިރު، ދީނީ ކަމެއްގައި އެފަދަ އަސަރެއް ފެނުމުން އެއީ މަލާމާތުގެ ރައްދަކަށް ވާކަމެވެ. މަގުމަތީގައި ނުވަތަ ކެފޭތަކުގައި ބާރަށް ލަވަޖަހައިގެން މީހުންނަށް އުނދަގޫވާގޮތަށް ތިބޭއިރު، އެއީ އަމިއްލަ ހިތްހަމަޖައްސާލުމެއް ކަމަށް ބަލައި އެކަކުވެސް އެކަމާ ޝަކުވާއެއް ނުކުރެއެވެ.
ދީނީ އަޅުކަންތައް އަދާކުރަންވާނީ އިޚްލާޞްތެރިކަމާއެކު ކަން އެންމެންވެސް ދަނެއެވެ. ނަމަވެސް، މީހަކު ހެޔޮކަމެއް ކުރާތަން ފެނުމާއެކު، އެއީ ދެއްކުންތެރިކަމެއް ކަމަށް ނިންމައި އެ ވާހަކަ ފެތުރުމަކީ ބިރުވެތިވާންޖެހޭ ކަމެކެވެ. ތިބާގެ ބަހެއްގެ ސަބަބުން މީހަކު ކުރާ ހެޔޮކަމެއް ހުއްޓާލައިފިނަމަ، އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ތިބާއަށެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި ދީނާ ގުޅުންހުރި ކަންކަމަށް ފާޑުކިޔައި، ހަޖޫޖަހާ މީހުން އިތުރުވަމުންދާކަމީ ހިތާމަހުރި ކަމެކެވެ. މިސްކިތުން އިވޭ ބަންގީގެ އަޑާއި ޤަމަތުގެ އަޑުވެސް ބައެއް މީހުންނަށް ވީ އުނދަގުލަކަށެވެ. އެއީ މީހެއްގެ ހިތަށް ހެޔޮ އަސަރެއް ކޮށްފާނެ ކަމެއް ކަމަކަށް އެފަދަ މީހުން ގަބޫލެއް ނުކުރެއެވެ. ނަމަވެސް ދުނިޔަވީ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ކަންކަމަށް ގޮވާލާއިރު އެކަމަކީ އުނދަގުލަކަށް ނުވެއެވެ.
އެހެންކަމުން، އެންމެހައި އަޚުންނާއި އުޚުތުންނަށް އަޅުގަނޑު ބުނެލަން އޮތީ، މީހުން ކިޔާފާނެ އެއްޗަކަށް ބެލުމެއްނެތް، ﷲ ތަޢާލާގެ ވަޖުހުފުޅަށްޓަކައި އިޚްލާޞްތެރިކަމާއެކު ހެޔޮ އަމަލުތަކުގައި ކުރިއަށްދާށެވެ. ވަކިން ޚާއްޞަކޮށް، ދީނީ ޢިލްމު ފަތުރާ އަޚުންނާއި، އިމާމުވެ ނަމާދުކުރާ ފަރާތްތަކާއި، ޤުރުއާން އުނގަންނައިދޭ މުދައްރިސުން، މީހުންގެ ފާޑުކިޔުންތަކަށް ފަސްނުޖެހި ސާބިތުކަމާއެކު ދެމިތިއްބަވާށެވެ. ހިތްތަކުގައިވާ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.
