މޮޅަތި ކުޅުންތެރިން ފަހުހާފުގައި އަރާ ބެލްޖިއަމް ދެވަނަބުރަށް ގެންގޮސްދީފި
މެޗުފެށި އިރު ބެންޗުގައި ތިބި މޮޅަތި ކުޅުންތެރިން ފަހުހާފުގައި ކުޅެން ނިކުމެ ފަހަތުން އަރާ ޑެންމާކު ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފުރުޞަތު ބެލްޖިއަމުން ހޯދައިފިއެވެ.
ކޯޕަންހެގަންގައި ރޭ ކުޅުޅެވުނު މި ފޯރިގަދަ މެޗު ފެށިގެންދިޔައީ ޑެންމާކުގެ ފުރަތަމަ މެޗުގައި ހާޓް އެޓޭކެއް ޖެހި ދަނޑު މައްޗަށް ވެއްޓުނު މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ހަނދާން އާ ކުރަމުންނެވެ. މެޗުފަށައިގެން މާގިނަވަގުތުތަކެއް ނުވެއުޅެނިކޮށް ޕިއޭ އެމީލް ހޮޖްބިއާގް ދިން ޕާހަކުން މެޗުގެ ދެ ވަނަ މިނެޓްގައި، ޔޫސުފް ޕޮލްސަންވަނީ ޑެންމާކަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މިކެލް ޑޮމްސްގާޑް ބޮލުން ފޮނުވާލި ބޯޅައެއް ބެލްޖިއަމްގެ ކީޕަރު ޓިބޯ ކޯޓުއާ ގޯލްލައިން މަތިން ސަލާމަތްކުރިތަން ފެނިގެން ދިޔައެވެ.
ރޭގެ މިމެޗުގެ ފުރަތަމަ ހާފު 1-0 އިން ޑެންމާކު ކުރީގައި އޮވެ ނިންމާލުމުން ދުނިޔޭގެ ރޭންކިންގެ 1 ވަނާގައި މިވަގުތު އޮތް ބެލްޖިއަމުން ދެ ވަނަ ހާފަށް ނުކުތީ ޓީމުގެ ތަރި ކެވިން ޑި ބްރޮއިނާ ކުޅެން އަރުވައިގެންނެވެ. ޑި ބްރޮއިނާ އަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ނޭފަތަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޔޫރޯގައި ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާއާ ދެކޮޅަށް ކުޅެފައިވާ ކުޅުންތެރިއެއް ނޫނެވެ.
ދުނިޔޭގެ ފެންވަރުގައިވެސް ގުނާލެވޭ މިކުޅުންތެރިޔާ ކުޅެން ނިކުތުމާއިއެކު ބެލްޖިއަމް ޓީމުގެ އެޓޭކްތައް ވަރުގަދަވެ، ޑެންމާކުގެ ގޯލަށް ބާރުބޮޑުވަމުން ދިޔަތަން ފެނިގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޑި ބްރޭނާ ދިން ހިތްގައިމު ޕާހަކުން މެޗުގެ 54 ވަނަ މިނެޓްގައި ޓޯގަން ހަޒާޑް ލަނޑެއް ކާމިޔާބުކޮށް ބެލްޖިއަމުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ.
ބެލްޖިއަމުގެ މި ލަނޑަށްފަހު އެޓީމުގެ އަސްލު ކެޕްޓަން އެޑަން ހަޒާޑް ކުޅެން ނެރެ އެމީހުންގެ އެޓޭކު ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރީތި ޕާސިން ކޮމްބިނޭޝަނަކުން ބެލްޖިއަމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދެވަނަ ބުރުގެ ފުރުޞަތު ކަށަވަރު ކުރުމެވެ. ބެލްޖިއަމުގެ ދެވަނަ ލަނޑަކީ ހަޒާޑް ނަގައިދިން ބޯޅައަކުން އޭރިއާ ބޭރުގައި ހުރެ ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން ޑި ބްރޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.


