ކޮވިޑުން އެބުރި އައިސް ޓޮޓެންހަމް އިން ލިވަޕޫލާއި އެއްވަރުކޮށްފި
މުޅި ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޮވިޑުގެ އާ ވޭރިއަންޓާއި އެކު އިގިރޭސި ވިލާތުގައި ވެސް މިވަނީ ހަލުވިކަމާއި އެކު ކޮވިޑުގެ ކޭސްތައް ގިނަވާން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ގިނަކުޅުންތެރިންތަކެއް މި ބައްޔަށް ޕޮޒިޓިވްވެ ލީގުގެ ގިނަ މެޗުތަކެއް ވަނީ ކެންސަލްވެސް ކޮށްފައެވެ. މިގޮތުން ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއިން ކުޅުމަށް ހަމަޖެހިފައިވާ ދެމެޗުވެސް ވަނީ ކެންސަލްކޮށްފައެވެ.
ލީގުގައި ޓޮޓެންހަމް ހޮޓްސްޕާއިން ކުޅެން އޮތް ދެމެޗަށްފަހު ލީގުގައި ރޭ ލިވަލްޕޫލް އާއި ބައްދަލުކޮށް އެޓީމުންވަނީ ތާވަލުގެ ދެވަނާގައި އޮތް ލިވަޕޫލް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ. ރޭކުޅެވުނު މި ފޯރިގަދަ މެޗު ނިމިގެން ގޮސްފަިވަނީ 2-2 ން ދެ ޓީމު އެއްވަރުވެގެންނެވެ.
ރޭގެ މި މިޗު ޓޮޓެންހަމްގެ ދަނޑުގައި ކުޅެވުނު އިރު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޓޮޓެންހަމް އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. މި މެޗުގައި ޓޮޓެންހަމްއަށް ލީޑުގައި ހިފަހައްޓާލެވުނީ ވަރަށް މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ. މެޗުގެ 35 ވަނަ މިނިޓްގައި ރޮބަޓްސަން ނެގި ހިތްގައިމު ހުރަހަކުން ޑިއޯގޯ ޖޮޓާ ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި މެޗުގެ 69 ވަނަ މިނިޓްގައި ރޮބަޓްސަންވަނީ ލިވަޕޫލަށް ލީޑުވެސް ނަގައިދީފައެވެ. ނަމަވެސް މެޗުގެ 74 ވަނަ މިނީޓްގައި ލިވަޕޫލުގެ ކީޕަރަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގާ ޓޮޓެންހަމުްގެ ތަރި ސޮން ހެއުން މިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މިމެޗުގެ 78 ވަނަ މިނިޓްގައި ލިވަޕޫލުގެ ރޮބަޓްޝަން ޓޮޓެންހަމްގެ އެމަސަން ރޯޔަލްއާށް ކުރި ނުރައްކާތެރި ފައުލަކަށް ވީއޭއާރުގެ އެހީގައި މެޗުގެ ރެފްރީ ސީދާ ރަތްކާޑެއް ދައްކާފައިވާ އިރު މި މެޗުގައި ކޭން ކާމިޔާބުކޮށްދިން ލަނޑަށްފަހު އޭގެ ކުޑައިރުކޮޅެއްފަހުން ލިވަޕޫލުގެ ރޮބަޓްސަންއަށް ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތްކާޑެއް ދައްކަން ޖެހޭނެކަމަށް ލިވަޕޫލުގެ އޮފިޝަލުން ވަނީ ވަރަށް ބޮޑަށް ސަކުވާ ކޮށްފައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިހަފްތާ ކުޅުނު މެޗުތައް ނިމުނު އިރު ޕޮއިންޓް ޓޭބަލްގެ ކުރީގައި ސިޓީއިން ވަނީ 3 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއީ އެންމެފަހުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 4-0 ން މޮޅުވެ ކުޅުނު 18 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ރޭގެ މެޗުން ލިވަޕޫލް އެއްވަރު ވުމުން އެޓީމަށް 18 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. އަދި 3 ވަނާގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 18 މެޗުން 38 ޕޮއިންޓެވެ.
