ކުޅިވަރު

އެންމެފަހުން ބާސެލޯނާގެ ކޯޗުކަމުން ކޫމަން ވަކިކޮށްފި

ރޭ ރަޔޯ ވަލްކާނޯއާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވުމާއި ގުޅިގެން ބާސެލޯނާގެ ކޯޗުގެ މަގާމުން ނެދަލެންޑްސްގެ ރޮނާލްޑް ކޫމަން ވަކިކޮށްފިއެވެ.

ރޭގެ މެޗުން ވަލްކާނޯ އަތުން ބާސާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗަށް ފަހު ކޫމަން ވަކިކުރިކަން އަންގާ ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޫމަން މަގާމުން ވަކިކުރީ ބާސާއިން ނެރެމުން ދާ ދައް ނަތީޖާތަކުގެ ސަބަބުން ބާސާގެ ބޯޑުން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު ބާސާގެ ރައީސް ލަޕޯޓޭގެ އެންގެވުމުގެ މަތިން ކަމަށެވެ. އަދި ކޫމަން އަށް ފަހު ބާސާއަށް ވަގުތީ ގޮތުން އިރުޝާދު ދޭނީ އެސިސްޓެންޓް ކޯޗު އަލް ފްރެޑް ޝިރުއިޑާ ކަމަށް ވެސް ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. ނަމަވެސް އާ ކޯޗެއް ހަމަ ޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ވެސް ބާސާގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބާސާއިން ކޫމަން ވަކިކުރިއިރު، ބާސާގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. 14 މަސް ދުވަހުގެ މުއްދަތަކަށް ފަހު ކޫމަން މަގާމުން ވަކި ކުރިއިރު، ބާސާއިން ދެން އެ ޓީމުގެ ކޯޗަކަށް ގެންނަން މަސައްކަތްކުރަނީ ގަތަރުގެ އަލް ސާދަށް އިރުޝާދުދެމުން އަންނަ ފުޓްބޯޅަ ލެޖެންޑް ޒަވީ ހެނާންޑޭސް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޭގެ މެޗުން ވަލްކާނޯ ބާސާގެ މައްޗަށް ކުރި ހޯދިއިރު، މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ރަޑަމެލް ފަލްކާއޯއެވެ. އޭގެ ފަހުން މެޗުގެ 72 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރަން ބާސާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ މެމްފިސް ޑިޕާއި ފޮނުވާލި ޕެނަލްޓީ ވަލްކާނޯގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

ވަލްކާނޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސާ ވަލިވިއިރު، މިއީ ސީޒަނުގައި އެޓީމު ބަލިވި ތިންވަނަ މެޗެވެ. ރޭގެ ބައްޔާއި އެކު ބާސާ މިވަގުތު އޮތީ ކުޅުނު 10 މެޗުން ލިބުނު 15 ޕޮއިންޓާއި އެކު ތާބަލުގެ 10 ވަނާގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close