ޚަބަރު

އެލްޖީއޭގެ ބޯޑަށް ފުވައްމުލަކު މޭޔަރު އިއްސެ އިންތިޚާބުވެއްޖެ


ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ތިއްބަވާ ލޯކަލް ކައުންސިލަރުން ހޮވުމުގެ އިންތިޚާބުގައި ސިޓީ ކައުންސިލް ތަމްސީލް ކުރައްވާ މެންބަރުގެ މަގާމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް (އިއްސެ) އިންތިޚާބުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްސެ މި މާގަމަށް އިންތިޚާބުވީ ސިޓީތަކުގެ 24 ކައުންސިލަރުންގެ ވޯޓުންނެވެ.

އިއްސެއާ ވާދަކުރެއްވި ޕީޕީއެމްގެ ނައިބު ރައީސް އަދި މާލެ ސިޓީގެ މޭޔަރު މުއިއްޒަށް ލިބިވަޑައިގަތީ ސިޓީތަކުގެ 21 ކައުންސިލަރުންގެ ވޯޓެވެ.

ސިއްރު ވޯޓެއްގެ ގޮތުގައި މި އިންތިޚާބު ކުރިއަށް ދިޔައިރު، ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ ތެރޭގައި ގިނައީ ވެސް އިއްސެ ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނެވެ.

މި ގޮތުން މާލެ ސިޓީ ކައުންސިލް ފިޔަވައި ދެން އޮތް ތިން ސިޓީ ކައުންސިލްގައި އޮތީ އެމްޑީޕީގެ މެޖޯރިޓީއެވެ.

ހދ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަތް ކައުންސިލަރުންނަކީ ވެސް އެމްޑީޕީގެ ކައުންސިލަރުންނެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނަށްވާއިރު ދެން ތިއްބެވީ ޕީޕީއެމްގެ ދެ މެންބަރުންނެވެ.

އައްޑޫ ސިޓީ ކައުންސިލްގެ 13 މެންބަރުންގެ ތެރެއިން ހަތް މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. ޕީޕީއެމްގެ ތިން މެންބަރުންނާއި އަމިއްލަ ތިން މެންބަރުން ވެސް އައްޑޫ ސިޓީ ކައުންސިލްގައި ތިއްބަވައެވެ.

މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ ޕީޕީއެމަށެވެ. ޕީޕީއެމްގެ 13 މެންބަރުން މާލެ ސިޓީ ކައުންސިލްގައި ތިއްބަވައެވެ. ދެން ތިއްބަވަނީ އެމްޑީޕީގެ ހަ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

ސިޓީ ކައުންސިލްތަކުގައި އެމްޑީޕީގެ 25 ކައުންސިލަރުން ތިއްބަވައެވެ. ޕީޕީއެމްގެ 18 ކައުންސިލަރުން ތިއްބަވައެވެ. އަމިއްލަ ތިން ކައުންސިލަރުންނާއި ޖުމްހޫރީ ޕާޓީގެ ކައުންސިލަރެއް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close