“ނަފްރަތުގެ ޢަމަލު” ބަޔާންކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިގުޅޭގޮތުން އުތީމު ކައުންސިލުންވެސް ބަޔާނެއް ނެރެފި
“ނަފްރަތުގެ ޢަމަލު” ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއިގުޅޭގޮތުން އުތީމު ކައުންސިލުންވެސް ބަޔާނެއް ނެރެފިއެވެ.
އިއްޔެ ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ދިވެހި ރައްޔިތުންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ސުލްޙަވެރިކަމާއި އަމާންކަމާއި އެއްބައިވަންތަކަމާއެކު ސާދާ ދިރިއުޅުމެއް އުޅެމުން އައި ރައްޔިތުންތަކެއް ކަމަށްވެފައި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި ދިވެހި ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީންކަމާއި އަދި އިސްލާމްދީނުގެ އަސްލަކާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައި ވީހިނދު ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އިސްލާޙުކުރުމަށް 25 މެއި 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާޙު ފާސްކޮށް ތަޝްދީޤު ކުރައްވައިފިނަމަ ދިވެހި މުޖުތަމަޢުގެ ތެރޭގައި އިސްލާމް ދީނާއި ޚިލާފު ޢަމަލުތަކާއި ވާހަކަތައް ދެއްކުމަށާއި އަދި އެފަދަ ޢަމަލުތައް ހިންގުމަށް ޤާނޫނީ ބާގަނޑެއް ހުޅުވިގެން ދާތީ އެފަދަ އިސްލާހެއް ގެނައުމަށް ި ކައުންސިލުން ވަރަށްބޮޑަށް ކަންބޮޑުވެ ދެކޮޅު ހަދާ ކަމަށެވެ.
މި ބަޔާން ނިންމާލައިފައިވަނީ، ސީދާ ގޮތުންނާއި ނުސީދާގޮތުން ދިވެހިރާއްޖޭއަކީ ތަފާތު ދީންތަކުގެ މީހުން ދިރިއުޅޭ ސެކިއުލަރ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ހަމަމިހާރު ހުއްޓާލުމަށް އިލްތިމާސްކުރަމުންނެވެ.
