ޚަބަރު

މެންދަމުން އަލިވެ 1:30 ގައި މަޖްލިސް ބާއްވަން ތާވަލު ކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވޭގޮތް ނުވުމުން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް ބާއްވާ ޚާއްސަ ޖަލްސާ މާދަމާރޭ މެންދަމު 1:30 ގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން އެޖެންޑާކޮށްފިއެވެ.

މިޖަލްސާ މެންދަމު ބާއްވާއިރު މަޖިލީހުން ޤާނޫނު އަސާސީއަށް ގެންނަ އިސްލާހާއި، މިމުއްދަތުގެ ތެރޭގައި ކައުންސިލަރުން އަމަލުކުރާނެ ޚާއްސަ ބިލްވެސް މަޖިލީހުން ފާސްކުރަން ޖެހެއެވެ. އަދި ޤާނޫނު އަސާސީއަށް ގެންނަ އިސްލާހާއި، ކައުންސިލަރުން އަމަލުކުރާނެ އުސޫލު ހިމެނޭ ބިލަކީވެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވަންޖެހޭ ދެބިލަށްވުމުން އަންގާރަ ދުވަހުގެރޭ 12:00 ގެ ކުރިން މި ދެ ބިލްވެސް ރައީސް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މަޖިލީހުން މަސައްކަތް ކުރާނީ މާދަމާރޭ ދަންވަރު މަސައްކަތް ނިންމައި، ވަގުތު އޮއްވައި ރައީސުލްޖުމްހޫރިއްޔާއަށް ބިލް ތަސްދީޤު ކުރެއްވުމަށް ފޮނުވުމަށްކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޤާނޫނު އަސާސީ އިސްލާހު ކުރާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ 4 ބައިކުޅަ 3 ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާނަމަ 66 މެމްބަރުންގެ ވޯޓާއިއެކުއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި މެންބަރުން އެމީހުންގެ މަޤާމުގައި ދެމިތިބޭނެގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮމިޓީން ފާސްކުރުމަށްފަހު ބިލް ފާސްކުރުމުގެ ކުރިން 3 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރާއި، މައިނޯރިޓީ ޕާޓީގެ ލީޑަރު އެއްބަސްވާނަމަ އެއަށްވުރެ އަވަސްކުރުމުގެ ފުރުސަތު ލިބިއެވެ. ނަމަވެސް މިމަސައްކަތް ކުރުމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އެއްބަސްވެފައިނުވާކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދަޅުވެފައެވެ. މައިނޯރިޓީ ލީޑަރު ވިދާޅުވެފައި ވަނީ މަޖިލީހުގައި ޤާނޫނު އަސާސީ އިސްލާހުކުރަން ވަގުތުލިބި އެކަން ފަހުވަގުތާއި ހަމައަށް ބޭއްވީ މަޖިލިސްގެ ރައީސް ކަމަށެވެ.

މި މައްސަލައިގެ ލަފަޔަކަށް މަޖިލީހުން ސުޕްރީމްކޯޓުގައި އެދިފައި ވަނީ މިހާރު އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙަލަތުގައި ޤަނޫނު އަސާސީއަށް އިޞްލާޙު ނުގެނެވޭނެ ކަމަށް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުމުންނެވެ. އަދި އެ މޭރުމުން މަޖިލީހުގެ ރައީސްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ޚިޔާލުތަފާތުވުން އެމްޑީޕީގެ މެންބަރުންގެ މެދުގައި އޮތްނަމަވެސް ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިޞްލާޙު އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ. މިމައްސަލާގައި ދައުލަތުގެ ބަންޑާރަ ނައިބު އަދި މަޖިލީހުގެ ކައުންސިލަރ ޖެނެރަލްވެސް ވަނީ މިދަނޑިވަޅުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެވޭނެކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close