ކަރަންޓީނުވާންދާ މީހަކަށް އެޗްޕީއޭ ގެ ހުއްދައެއް ދޭކަށް ނުޖެހޭ – ނ.ރައީސް ބަޝީރު
ރަށްރަށަށް ކަރަންޓީނުވާން ދާން ރައްޔިތުންނަށް އެޗްޕީއޭގެ ޚާއްޞަ ހުއްދައެއް ދޭންޖެހޭކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ނ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީދު ވިދާޅުވެއްޖެއެވެ.
ނ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރު ފަތުރުކުރުމާއި ކަރަންޓީނަށް އައުމުގެ ހުއްދަ ރަށު ކައުންސިލްތަކުން ދޫކުރުމާ ގުޅޭގޮތުން ނ.އަތޮޅު ކޮވިޑް-19 ޓާސްފޯހުން އެކުލަވާފައިވާ އުސޫލާއި ބެހޭގޮތުން އިތުރު ތަފްޞީލް ދެއްވަމުން ބަޝީރު ވިދާޅުވީ ކަރަންޓީނަށް ރަށްރަށަށް ގޮސް މަޑުކުރަންދާ ފަރާތްތަކަށް އެޗްޕިއޭގެ ޚާއްޞަ ހުއްދައެއް ދޭގޮތަށް އޮންނަން ޖެހޭކަމަށް ދެކެވަޑައި ނުގަންވާކަމަށެވެ.
“އަޅުގަނޑުދެކޭގޮތުގައި ކަރަންޓީނުވާންދާ މީހަކަށް އެޗްޕީއޭ ގެ ހުއްދައެއް ދޭކަށް ނުޖެހޭ. ރައްޔިތަކު އައިސް މިރަށުގަ ކަރަންޓީނުވާން ބުނީމަ އެއީ މިރަށުކައުންސިލާ މިރަށުރައްޔިތުންނާ ބެހޭކަމެއް. މިރަށު ކައުންސިލުން މާ ރަނގަޅަށް ވިސްނާނެ މިރަށުމީހުންނާމެދު.” ނޫނު ރައީސް ބަޝީރު ވިދާޅުވިއެވެ.
ނޫނު ރައީސް ބަޝީރު މިފަދައިން ވިދާޅުވިޔަސް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުޞޫލުގައި ބުނެފައިވަނީ މޮނިޓަރިންގެ ހާލަތުގައިވާރަށަކުން އެހެންރަށަކަށް ދާނަމަ އެޗްޕީއޭގެ ޚާއްޞަ ހުއްދައެއް އޮންނަންޖެހޭނެކަމަށެވެ. އަދި އެމީހަކު އެ ހުއްދަ ހިފައިގެން ދިޔަޔަސް 24 ގަޑިއިރަށްވުރެ އިތުރުވާނަމަ 14 ދުވަހު ކަރަންޓީނުގައި މަޑުކުރަންޖެހޭނެއެވެ.
ނ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ، ކޮވިޑް-19 ގެ ޚާއްޞަ ޙާލަތާއިގުޅިގެން ނ.އަތޮޅަށާއި، އަދި އަތޮޅުތެރޭގައި ދަތުރުފަތުރު ކުރުމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅައި ނ.އަތޮޅު ކޮވިޑް ޓާސްކްފޯސްގެ ފަރާތުންވަނީ ޚާއްޞަ އުޞޫލެއްވެސް މިއަދު ޢާއްމުކޮށްފައެވެ.
އެ އުޞޫލުގައި ބުނެފައިވަނީ މޮނިޓަރިންގައިވާ ރަށްރަށުން (މާލެސަރަޙައްދާއި ރިސޯޓްތައް ހިމެނޭގޮތަށް) ނ.އަތޮޅުގެ މީހުންދިރިއުޅޭ ރަށްރަށަށް ، އެރަށްރަށަށް ނިސްބަތްވާ ރައްޔިތުންނާއި އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ކަރަންޓީނުވުމަށް އައުމަށް ހުއްދަދޫކުރާނީ ނ.އަތޮޅުގެ ރަށްރަށުގެ ކައުންސިލް ތަކުން ކަމުގައެވެ.
އަދި މޮނިޓަރިންގައި އޮތް ރަށަށަކުން މޮނިޓަރިންގައި ނެތް ރަށަކަށް ދަތުރުކުރާނަމަ އެފަރާތްތަކަށް ހުއްދަދީފައިވާކަމާއި، ކަރަންޓީނުވާންޖެހޭކަމަށް ބަޔާންކޮށް ޖަދުވަލުކޮށްފައިވާ ލިޔުމެއް އެރަށެއްގެ ރަށުކައުންސިލުން ދޫކުރާނެކަމަށްވެސް ނ.އަތޮޅު ކޮވިޑް ޓާސްކްފޯސްއިން ނެރެފައިވާ އުޞޫލުގައި ބުނެފައިވެއެވެ.
ނ.އަތޮޅު ކޮވިޑް ޓާސްކްފޯސް އެކުލަވާލައިފައިވަނީ ނ.އަތޮޅުގެ ހުރިހާރަށެއްގައި ހިމެނޭ މުއައްސަސާތަކަށް ނިސްބަތްވާ އެކިދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމަނައިގެންނެވެ. އެ ޓާސްކްފޯސްގައި ޖުމުލަ 20 މެމްބަރުން ތިއްބަވައެވެ.
