ޝާހިދަށް ވޯޓް ދެއްވާ އެއީ ޤާބިލް ބޭފުޅެއް – ރައީސް ނަޝީދު
މިހާރު ކުރިއަށް ގެންދާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމުގެ އިންތިހާބުގައި އެ މަގާމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ވާދަކުރައްވާތީ ޝާހިދަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝާހިދަކީ އާންމު މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ފަދަ ބޭފުޅަކަށް ވާނެ ކަމށެވެ.
“އެއީ ގާބިލް އަދި ތަޖުރިބާކާރު ޑިޕްލޮމޭޓެއް. މޫސުމަށް ބަދަލު އައުމުގެ މައްސަލަ ކަމަށް ވިޔަސް، ސަލާމަތީ ކަންކަމާއި ސުލްހައާ ގުޅޭ މައްސަލައަކަށް ވިޔަސް، ރެފިއުޖީންގެ މައްސަލަ ކަމަށް ވިޔަސް އަދި ކޮންމެ މައްސަލައެއް ވެސް ފުރިހަމައަށް ކުރިއަށް ގެންދަވާނެ،” ޝާހިދަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
“ޝާހިދަށް އަދި ދިވެހި ދިދަ އަށް ވޯޓު ދެއްވުން އެދެން.”
މި އިންތިހާބު ކާމިޔާބުކުރުމަށް ރާއްޖޭން ވަނީ ވަރަށް ގިނަ މަސައްކަތްތައް ކޮށް، އެތައް ގައުމެއްގެ ތާއީދު ހޯދައިފަ އެވެ. އިންތިހާބުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާ ވާދަކުރައްވަނީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އެވެ.
ރާއްޖޭން ވަނީ އދ.ގެ އެންމެ ބާރުގަދަ ކައުންސިލް، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފަ އެވެ. އެއީ 2023-2025 އަށް ދެމިގެންދާ ދައުރަށެވެ. އެ އިންތިހާބު އޮންނާނީ 2022 ގަ އެވެ.



