“އިންފިނިޓް”ގެ ޓްރައިލަރ ދައްކާލައިފި
“އިންފިނިޓް” އަކީ ސައިންސް ފިކްސަން އެކްސަން ފިލުމެކެވެ. މި ފިލުމް ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ އެންޓޮނީ ފުގްއާ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު 7 ގައި އެޅުމަށް ކުރިން ހަމަޖެހުނު ނަމަވެސް ކޮވިޑް 19ގެ ސަބަބުން “އިންފިނިޓް” ސިނަމާގައި އެޅުމަށް ލަސްވިއެވެ. ނަމަވެސް މިއަހަރު ޖޫން 10 ގައި ސިނަމާތަކުގައި މި ފިލުމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.
“އިންފިނިޓް” އަކީ ލިޔުންތެރިޔާ ޑީ އެރިކް މާއިކްރާންޒް 2009 ގައި ގެނެސް ދިން ވާހަކަ “ދަ ރެއިންކާނޭޝަނިސްޓް ޕޭޕާޒް” އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ވާހަކަ ސްކްރީނަށް ފައްކާކޮށް ދެނީ އިއަން ޝޯގެ ސްކްރީންޕްލޭއަކީ އެހީގައެވެ.
މި ފިލުމުގައި ދައްކުވައިދެނީ މައިގަނޑު ކެރެކްޓަރ ވޮލްބާގު އޭނާގެ ކުރީގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތަކެކެވެ. އެކަންކަމުގެ ހަނދާން ނެތިފައިވާ ކަން ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެހެނަސް އޭނާއަށް އޭނާ ނުދަންނަ ތަންތަނާއި މީގެ ކުރިން ދުވަހަކުވެސް ގޮސްފައިނުވާ ތަންތަނާއި އަދި ނުދަންނަ ހުނަރުތަކެއްގެ ލިބިގެންވާކަމުގެ ހަނދާނެއް ހުރެއެވެ. މިހެން އުޅުމުގެ ތެރޭގައި “އިންފިނިޓްސް” ގެ ނަމުން ނަން ކިޔާ ސިއްރު ގުރޫޕެއް އޭނާ ހޯދައި ބައެއްގެ ކައިރިން ސަލާމަތްކުރެއެވެ. އޭގެފަހުން އޭނާގެ ހަނދާންތަކަކީ ހަމަ އަސްލަށްވެސް ހިނގާފައިވާ ކަންކަން ކަމަށް އޭނާއަށް ޤަބޫލުކުރެވެއެވެ. އެކަމަކު އެއީ ތަފާތު އެތަށް ކުރީ ޒަމާންތަކެއްގެ ދިރިއުޅުމުގެ ހަނދާންތަކެކެވެ. އެ ޖަމާޢަތުގެ ދުނިޔެއަށް އޭނާ ވަދެއެވެ. ދެން އެހިސާބުން އޭނާ ވެގެން ދިޔައީ އިންސާނިއްޔަތު ދެމެހެއްޓުމަށްޓަކައި ކުރާ ދަތުރެއްގެ ބައިވެރިއަކަށެވެ. އަދި އިދިކޮޅުމީހުންނާއި ހަނގުރާމަކުރެއެވެ.

“އިންފިނިޓް” ގެ ޝޫޓިން ފަށާފައިވަނީ ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ހޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ވޮލްބާގް ގެ އިތުރުން މި ފިލްމުގައި މަޝްހޫރު އެތަށް ތަރިންނެއް ހިމެނެއެވެ. އޭގެތެރޭގައި މިހާރު ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ ޒުވާން ތަރި ޑައިލަން އޯބްރެން ގެ އިތުރުން ޖޭސަން މަންޓޮޒްކަސް އާއި ޗިވެޓެލް އެޒިއޮފޯ އާއި ވަލިސް ޑޭ ގެ އިތުރުން ސޯފީ ކޫސަން ހިމެނެއެވެ. ޖުމުލަ 42 ތަރިން ބައިވެރިވެފައިވާ މި ފިލުމުގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ހެންރީ ގްރެގްސަން ވިލްއަމްސް އެވެ.
