ކައުންސިލްތަކުގެ ނުހޮވި ހުރި މަޤާމްތަކަށް މިމަހުގެ 20 ކުރިން މެމްބަރުން ހޮވާނިންމަން އެލްޖީއޭއިން އަންގައިފި
ކައުންސިލްތަކުގެ ނުހޮވި ހުރި މަޤާމްތައް މިމަހުގެ 20 ކުރިން މެމްބަރުން ހޮވާނިންމަން އެލްޖީއޭއިން އަންގައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށުކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، އަދި ސިޓީކައުންސިލް ތަކުގެ ރައީސުންނާއި، މޭޔަރުން މިހާތަނަށް ހޮވައި ނިމިފައިވާއިރު އަދިވެސް ޑެޕިއުޓީ މޭޔަރުންނާއި ނައިބްރައީސުން ނުހޮވި ހުރި ކައުންސިލްތައް ވެއެވެ.
ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވީ ކައުންސިލްތަކަށް ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވަން ވަކި މުއްދަތެއް ދިނީ ކޮވިޑް 19ގެ ހާލަތަށް ވެސް ބެލުމަށްފަހު ކަމަށެވެ.
އެގޮތުން ކައުންސިލަރަކު މިހާތަނަށް ރަށަށް ނުދެވި ހުރި ނަމަ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުމަށްފަހު ވެސް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މަގާމުތަކަށް ބޭފުޅުން ހޮވާ ނިންމޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ކައުންސިލްތަކުން ޑެޕިއުޓީ މޭޔަރުންނާއި ނައިބް ރައީސުން ހޮވަނީ އެ ކައުންސިލެއްގައި ތިބޭ ހުރިހާ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އާންމުކޮށް ކައުންސިލަރުން ހުވާ ކުރެއްވުމަށްފަހު ބާއްވާ ފުރަތަމަ ޖަލްސާގައި އެ މަގާމުތަކަށް ބޭފުޅުން ހޮވަ އެވެ.
ކޮވިޑް ހާލަތާ ގުޅިގެން ބައެއް ކައުންސިލަރުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީއާއި ދަތުރުކުރުމަށް ހުރި ދަތިތަކާއި ކަރަންޓީން އުސޫލު އޮންނަ ގޮތުންނާއި އަދި ބައެއް ރަށްތައް ބަންދުކޮށްފައިވާތީ ބައެއް ކައުންސިލަރުންނަށް ވަނީ އެ މީހުންގެ ރަށަށް ގޮސް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވުމަށް ދަތިތަކަކާ ކުރިމަތިވެފަ އެވެ.
އެލްޖީއޭ އިން ވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް އާއި ނައިބު ރައީސުން ހޮވަންވެސް އަންގާފަ އެވެ.

