ނ.އަތޮޅު ކޮވިޑް އެމަރޖެންސީ ސެންޓަރާއި ކޮވިޑް ޓާސްކްފޯސް އަލުން އެކުލަވާލައިފި
ނ.އަތޮޅު ކޮވިޑް އެމަރޖެންސީ ސެންޓަރާއި، ކޮވިޑް ޓާސްކްފޯސް އަލުން އެކުލަވާލައިފިއެވެ.
މިއީ ކޮންމެ ރަށެއްގައިވެސް އޮންނަ ރަށުފެންވަރުގެ ކޮވިޑް ޓާސްކްފޯސްގެ އިތުރުން އަތޮޅު ފެންވަރުގައި މަސައްކަތްކުރުމަށް އެކުލަވާލި ޓާސްކްފޯހެކެވެ.
ނ.އަތޮޅު ކޮވިޑް އެމަރޖެންސީ ސެންޓަރ ހިންގުމާއި ޙަވާލުވެހުންނެވި ނ.ލަންދޫ ކައުންސިލްގެ ނައިބްރައީސް މަންސޫރު މުޙައްމަދު ނާރެސް މީޑިއާއަށް މިކަމުގެ މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކޮވިޑްގެ ކަންތައްތައް ނ.އަތޮޅުގައި ވަރަށް ގޯސްވެފައިވާތީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އަތޮޅު ފެންވަރުގައި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކުލަވާލި ޓާސްކްފޯހެއް ކަމަށެވެ.
މަންސޫރު ވިދާޅުވީ މިހާރުން މިހާރަށްވެސް ނ.އަތޮޅުގެ ޓާސްކް ފޯސްގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. ކޮވިޑް-19 ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރާއި ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރެވޭނެކަމަށް އުންމީދުކުރައްވާ ކަމަށް މަންސޫރު ވިދާޅުވިއެވެ.
މި ޓާސްކް ފޯސްގެ މައިގަނޑު މަސައްކަތަކަށްވާނީ ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ކަނޑައަޅާ އުޞޫލުތަކެއް ތެރެއިން އެސެންޓަރާއި ގުޅިގެން ނ.އަތޮޅުގައި ކޮވިޑްގެ ކޭސްތައް ވަކިރަށަކަށް (ކޮވިޑްފެސިލިޓީއަކަށް) ގެންގޮސް ކަރަންޓީނު ކުރުމާއި އެމީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ކަމަށް ވެސް މަންސޫރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރާއި މަޝްވަރާ ކުރެވިގެން ނ.އަތޮޅަށް ޚާއްޞަ ކޮވިޑް ފެސިލިޓީއެއް ޤާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައިވެސް މަންސޫރު ވިދާޅުވިއެވެ.
ނ.އަތޮޅު ކޮމިޓީ އިސްވެ އޮވެގެން ނ.އަތޮޅުގައި މިއެކުލަވާލި ޓާސްކްފޯސް އެކުލަވާލެވިފަ ވަނީ ނ.އަތޮޅުގެ އެކިރަށްރަށުގެ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުންހިމަނައިގެންނެވެ. އެގޮތުން ތަޢުލީމީދާއިރާ އާއި ސިއްހީ ދާއިރާގެ ބޭފުޅުންވެސް ހިމެނެއެވެ.
އަލަށް އެކުލަވާލެވުނު ނ.އަތޮޅު އެމަރޖެންސީ ސެންޓަރު ހިންގުމާ ހަވާލުވެ ހުންނަވާނީ ނ.ލަންދޫ ކައުންސިލްގެ ނައިބުރައީސް މަންސޫރު މުޙައްމަދު 9968139 އާއި، ނ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިސްމާއީލް ޝަފީޤް 7852253 އެވެ.
ނ.އަތޮޅު ކައުންސިލް ފެނިގެން މިދަނީ ކައުންސިލްތައް އިންތިޚާބުވެ މަސައްކަތްތައް ފެށި މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ވަރަށް ތަފާތު ބޮޑުކޮށެވެ. އެހެންބައެއް އަތޮޅުތަކަށް ނަމޫނާ ނިންމުންތަކަކާއި، މަސައްކަތްތަކެއް މިހާރުވެސް ނ.ރައީސް މުޙައްމަދު ބަޝީރު އިސްވެހުންނަވައިގެން ވަނީ އަތޮޅުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ނ.އަތޮޅު ކައުންސިލުން ކޮށްފައެވެ. އަދި ކުރިއަށްއޮތްތާންގައިވެސް މީގެކުރިން އަތޮޅު ކައުންސިލްތަކުން ތަޖްރިބާ ކޮށްފައިވާނުވާ، މުހިންމު ރަނގަޅު އެތައް މަސައްކަތްތަކެއް ފެނިގެންދާނެކަމަށް ނ.ރައީސް ބަޝީރުވަނީ ވިދާޅުވެފައެވެ.
ނ. އަތޮޅު ކޮވިޑް-19 ޓާސްކްފޯސް
ޗެއަރމަން ނ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖާރ އިސްމާޢިލް ޝަފީޤް
ކޯޗެއަރމަން ނ. ލަންދޫ ކައުންސިލް މެމްބަރު މުހައްމަދު މަންސޫރު
މެމްބަރ ނ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސުޖާއު
މެމްބަރ. ނ.އަތޮޅު ކައުންސިލްގެ އ.ޑިރެކްޓަރ އަބްދުﷲ ހަމީދު
މެމްބަރ – ނ.މިލަދޫ ކައުންސިލް ރައީސް އަބްދުލް މަޖީދު މުޙައްމަދު
މެމްބަރ – ނ.މަގޫދޫ ކައުންސިލް ރައީސް ފަތުޙުﷲ ނަސީރު
މެމްބަރު – ނ.ޅޮހި ކައުންސިލް ނައިބު ރައީސް އިބްރާހިމް މުޙައްމަދު މަނިކު
މެމްބަރ – ނ.ފޮއްދޫ ހެލްތް ސެންޓަރ މެނޭޖަރ އަހްމަދު ފާރިޝް
މެމްބަރ – ނ.ހެނބަދޫ ކައުންސިލް އިދާރާގެ ޑިރެކްޓަރ އަހްމަދު ރަޝީދު
މެމްބަރ – ނ.ކުޑަފަރި ހެލްތް ސެންޓަރ މެނޭޖަރ ޖާބިރު ހަސަން
މެމްބަރ – ނ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތް އޮފިސަރ އައިޝަތު ހަމްދާ
މެމްބަރ – ނ. އަތޮޅު ހޮސްޕިޓަލްގެ ކޮމިއުނިޓީ ހެލްތް އޮފިސަރ ހާފިޒް އަމްޖަދު
މެމްބަރ – ނ.އަތޮޅު ސޯޝަލް ސާރވިސް ވޯކަރ އާއިޝަތު ޝިހާމާ
މެމްބަރ – ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް
މެމްބަރ – ނ. އަތޮޅު ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ އީސާ
މެމްބަރ – ނ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު އަބްދު
މެމްބަރ – ނ.މާފަރު އައިލެންޑް ސްޕޯޓްސް އެކަޑަމީ މުހައްމަދު އަދުނާން
މެމްބަރ – ނ. ކެނދިކުޅުދޫ ފެނަކަ ޓެކްނީޝަން އަބްދުލަތީފް މުހައްމަދު
މެމްބަރ – ނ. ހޮޅުދޫ ހެލްތް ސެންޓަރގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަހުމަދު ފާރިޝް
މެމްބަރ – ނ. ވެލިދޫ ޒުވާނުންގެ މަރުކަޒުގެ ޔޫތް އެސޯސިއޭޓް އަހުމަދު އަންވަރު


