ޕޮޒިޓިވްވި މީހުންގެ %50 އަށްވުރެ ގިނަމީހުންނަކީ 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުން – އެޗްޕީއޭ
މިއަހަރު (2021) ގެ މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ %50 އަށްވުރެ ގިނަމީހުންނަކީ 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުން ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި ޢުމުރުގެ %40 މީހުންނަކީ ވެކްސިންގެ އެންމެ ޑޯޒެއްވެސް ހަމަނުކުރާ މީހުންނެވެ.

ރާއްޖޭގައި ފެންނަ ކޮވިޑުގެ ކޭސްތަކުގެ އަދަދު އިތުރުވެފައިވާއިރު މިބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ހޯމަ ދުވަހު ޖުމްލަ 13 މީހަކު ވަނީ ނިޔާވެފައެވެ. މިއީ މިބަލި ޖެހިގެން އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން ނިޔާވި ދުވަހެވެ.
މި ބަލީގައި އާންމުގޮތެއްގައި ނިޔާވަނީ އައިސީޔޫގައި ފަރުވާދޭމީހުންނެވެ. އެ މީހުންގެ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑރ. މުހައްމަދު އިސްމާއިލް ވަނީ ކުރިއާ ޚިލާފަށް ކޮވިޑަށް ޕޮޒިޓިވްވާ ޒުވާނުންގެ ހާލަތު މިހާރު ވަރަށް ބޮޑަށް ސީރިއަސްވަމުން ދާކަމަށް ވިދާޅުވެފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ފަރުވާދެމުން އަންނަ 65 ޕަސެންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ. ކުރިން މި ބަލީގައި ބޮޑުވަރު ވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ވިޔަސް ކޮވިޑްގެ އައު ރާޅާއެކު ހާލަތު މިހާރު ވަނީ ބަދަލުވެފައެވެ. ކޮވިޑް ޖެހޭ ކުޑަކުދިންގެ އަދަދު ވެސް ވަނީ އިތުރެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ 211 ކުއްޖަކަށް މި ބަލިޖެހިގެން އަންނަނީ ފަރުވާ ހޯދަމުންނެވެ. އައިސީޔޫގައި ފަރުވާ ހޯދާ ގިނަ މީހުންނަކީ ވެކްސިންވެސް ޖަހާފައިނުވާ މީހުންނެވެ.



