ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސްކުރުމަށް ގޮވާލާ ނ.އަތޮޅު ކައުންސިލުން ޤަރާރެއް ނެރެފި
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު އެކަށީގެންވާތަރުތީބުން ހިނގަމުން ނުދިޔުމުގެ ސަބަބުން ބައިނަލް އަގްވާމީ އެހީތެރި ކަމަށް ގޮވާލާ ނ.އަތޮޅު ކައުންސިލުން ޤަރާރެއް ނެރެފިއެވެ.
މެއި 25 ގައި ފާސްކޮށްފައިވާ އެޤަރާރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު އަވަހާރަކޮށްލުމަށް ކޮންބަޔަކުކަން ނޭނގޭ ބަޔަކު 6 މޭ 2021 ދުވަހު ދީފައިވާ ރަހުމްކުޑަ ގިނަގުނަ ޒަޚަމް ކޮށްލި ބޮމުގެ ހަމަލާ އަށް ފަހު، އިންސާފު ހޯދުމުގެ މަސައްކަތް އެކަށީގެންވާ ތަރުތީބުން ނުހިނގާ ކަމުގެ ކަންބޮޑުވުން ހަރުއަޑުން ފާޅުކުރާކަމަށް ބުނެފައިވެއެވެ.
މަޚްލޫގުންގެ ފުރާނަ ނެތިހިނގައިދާފަދަ ގިނަގުނަ އަނިޔާއާއި ހާނީއްކައާއި ޒަޚަމްތައް، ލިބިގެންދާނީ އަމާޒު ކުޅަ ފަރާތުގެ އިތުރުން ކިތައް އެހެން މީހުނަށްތޯ އަޅާލުމެއްނެތި، ހިންގާފައިވާ މި ރަހުމްކުޑަ އަދި ދިވެހި ތާރީޚްގައި ދުވަހަކު ވެސް ހިންގާފައިނުވާހާ ދަރަޖަމަތި ނުރައްކާތެރި މި ޖަރީމާ އާއި ބެހޭ ތަހުގީގު ހިނގަމުންދާ ގޮތާ، ކުރިއަރަމުންދާ ގޮތުގެ މަގުފާހަގަތައް ވަގުތުން ވަގުތަށް އެނގެމުން ދިޔުން އެއީ ދިވެހި ރައްޔިތުންގެ ނިހާއީ އެދުމެއް ކަމުގައި ވުމުގެ އިތުރުން އެންމެހާ ރައްޔިތުންގެ މަތިވެރި ހައްގުތަކެކެވެ. ޤަރާރުގައި ބުނެފައިވެއެވެ.
އަދި މިހައްގުތައް ސަރުކާރުން އަދާކުރެއްވުމަށްޓަކާ، ރައީސް ނަޝީދު އާއި އެމަނިކުފާނު ވަށައިގެން އެވަގުތަކު ތިބި ބަޔަކުގެ ފުރާނަ ދުއްވާލުމަށް ދިން ހަމަލާއާއި ގުޅޭ މައުލޫމާތު ދިވެހި ރައްޔިތުންނަށް އެނގޭނެ ގޮތަށް ތާވަލް ކުރައްވާ، އިޢުލާނު ކުރައްވާ އާދައެއްގެ މަތީން ހާމަކުރައްވަމުން ނުގެންދަވާތީ އިންސާފުގެ މަސައްކަތް އެކަށީގެންވާ ގޮތުގައި ނުހިނގާކަމަށް ދެކި، އެކަންކަން ވަގުތުން އިޞްލާހުކުރައްވައި ރައްޔިތުންނަށް ދުރާލައި އިންތިޒާރުކުރެވޭނެ ތަރުތީބަކުން މައުލޫމާތުތައް ހާމަކުރައްވަމުން ގެންދެވުމަށް ނިހާއީ އިލްތިމާސް ކޮށްފައިވެއެވެ.
މި ރަހުމްކުޑަ ގިނަގުނަ ހާނީއްކައާއި ޒަޚަމް އާއިއެކު ރައީސް ނަޝީދާއި އެމަނިކުފާނު އަރިހުގައި އޭރަކުތިބި ބަޔަކުގެ ފުރާނަ ނެތިކޮށްލުމަށް ދީފައިވާ ލާއިންސާނީ ހަމަލާ އާބެހޭ ގިނަގުނަ ސުވާލުތައް އުފެދިފައިވާއިރު، އެކަންކަމާބެހޭ ތަހުގީގު ހިންގަވާ ގޮތް މެދުނުކެނޑި ބައްލަވަމުން ގެންދެވުމަށް، އިނގިރޭސި ވިލާތުގެ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ވަކީލް މިސްޓަރ ޢައްބާސް ފާއިޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ހަމަޖެއްސެވި ކަމީ ކުރިއެރުމެއްކަމުގައި ދެކޭކަމަށްވެސް ޤަރާރުގައި ބުނެފައިވެއެވެ.
އަދި ރައީސް ނަޝީދަށް ދައުލަތުން ފޯރުކޮށްދެއްވުން ވާޖިބު ސަލާމަތްތެރިކަން ބަޔަކު ފޫއަޅުވާލުމުގައި، ގޮއްވާލި ސައިކަލް ބެހެއްޓުނު އިރަކާއި، ކުރިން މައުމޫތުލިބިފައި އޮވެމެ، ސިގްނަލް ޖޭމަރ ނެތީ ކީއްވެތޯއާއި މި ނުރައްކާތެރި ދަރަޖަބޮޑު ޖަރީމާ ވުޖޫދުކުރުމަށް އެކި ހަމައިން އެކިގޮތަށް ފައިސާ ޚަރަދު ކުރި ބަޔަކާއި، ބޮމުގެ ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް އޭޑީކޭ ހޮސްޕިޓަލްގައި ރައީސް ނަޝީދު އޮންނަވަނިކޮށް އެތަނުގެ ފާޚާނާއެއްގައި ފިސްތޯލައެއް ބާއްވާފައޮތީ ކިހިނެތްވެގެން ކަމާ، ހަށިފާރަވެރިޔަކުގެ ހަތިޔާރުނަމަ އެ ޚިދްމަތްތެރިޔާ ގެ ކޮމާންޑް ލައިން ނުވަތަ އަމުރުގެ ޗޭނުގައި ދެންތިއްބެވީ ކޮން އޮފިސަރުންނެއް ކަމާ، އެކި އަމުރު ހިންގައި ފޯނުކޮށް ހަދާ ހުރަހެއްނެތި މިޖަރީމާގެ ގުޅުންތައް ހިންގިފައިވަނީ ކޮންކޮން އިހުމާލުތަކަކުންތޯ އުފެދިފައިވާ ސުވާލުތަކުގެ ޖަވާބަށް ވާޞިލްވެލައްވާން ކުރައްވާ މަސައްކަތް، ކުރިއަށް ހަމަޖައްސަވާ ވަކިތަރުތީބަކުން ރައްޔިތުންނަށް އަންގަވަމުން ނުގެންދަވާނަމަ، އަނިޔާވެރިކަން އިސްކުރާ އަދި “މީހުން-މަރާ ފިކުރުގެ” މީހުން ހިންގާފައިވާ އެހެން ޖަރީމާތަކުގެ ކެކުޅުމާއި ވޭން، އެ ލާއިންސާނީ އަނިޔާތައް އަމާޒުވި ދިވެހި ޢާއިލާތަކުން (ޚާއްޞަގޮތެއްގައި ޑރ. އަފްރާޝީމް ޢަލީ އާއި އަޙްމަދު ރިލްވާން އަދި ޔާމީން ރަޝީދު ގެ ޢާއިލާތަކުން) އަދިއަދަށްވެސް ތަހައްމަލުކުރަމުން އެގެންދަވާ ގެންދެވުމުގެ ކަންބޮޑުވުންތައް އުތުރި އަރައި ބޮއްސުންލައި، މި ރާއްޖޭގައި ޢަދުލު އިންޞާފު ގާއިމްކުރެވުމާމެދު ރައްޔިރުންގެ އުންމީދު ތައް ކެނޑި، ސީދާ ހަރަކާތުގެ އިޙްތިޖާޖު ތަކާއި ހަމައަށް ގައުމުގެ އާންމު ހާލަތު ދަށަށް ދިއުން އެކަށީގެންވާތީ ނުހަނު ކަންބޮޑުވުންވެސް ފާޅުކުރާކަމަށް ބުނެފައިވެއެވެ.
ޤަރާރު ނިންމާލައްވަމުން ބަޔާންކުރައްވާފައިވަނީ ކަންކަން އެހެރަހެން ހުރުމާއެކު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދީފައިވާ ހަމަލާގެ ތަހްގީގާމެދު ދިވެހިރައްޔިތުންނާ އެކުވެރި ދައުލަތްތަކުން ސަރުކާރާއި ގުޅުއްވައި، ގުޅުންހުރި ބައިނަލްއަގްވާމީ އިދާރާތަކުން ތަހްގީގުތަކުގެ ތަޖްރިބާކާރުން ފޮނުއްވައިދެއްވައި، ދިވެހި ރައްޔިތުންގެ ނިހާއީ ކަންބޮޑުވުންތައް ހައްލުތަކާހަމައަށް ގެންދެވުމުގައި ދެމިތިއްބަވައި އެހީތެރިވެދެއްވުމަށް އިލްތިމާސް ކޮށް ގޮވާލާ ހިނދު ، 25 މެއި 2021 ވަނަ ދުވަހު ބޭއްވުނު ނ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 2 ވަނަ ބައްދަލުވުމުގައި މިކައުންސިލުގެ ނަމްބަރު: 2021/02 ޤަރާރު ފާސްކުރީމެވެ. މިފަދައިންނެވެ.
