ޕްރައިމަރީކާމިޔާބު ކުރެވޭނެކަމުގެ ވަރަށްބޮޑު ޔަގީންކަމެއް އެބޮތް: ނަޝީދު
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާއި ވާދަކޮށް ވިން ކުރެވޭނެކަމުގެ ވަރަށްބޮޑު ޔަޤީކަމެއް އެބައޮތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީއަށް ކުރިމަތިލެއްވީ ރައީސް ނަޝީދާއި، ރައީސް ސޯލިހު އާއި ދެބޭފުޅުން އެކަންޏެވެ.
“ފިކުރެއްގެ ދިރުން” މިޝިއާރުގެ ދަށުން ނަޝީދު ރޭ ބޮޑުފެންވަޅުގޭގައި އެމަނިކުފާނުގެ ކެމްޕޭން ޓީމާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް ތާއީދު ހޯއްދަވަން މަސައްކަތް ކުރައްވަން އެދިވަޑައިގަންނަވަމުން އެމަނިކުފާނު ވިދާޅުވީ، ކާމިޔާބު ހޯދޭނެ ކަމުގެ ވަރަށްބޮޑު އިތުބާރެއް އެބަ އޮތް ކަމަށެވެ.
އަންނަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގައި އެމްޑީޕީގެ ރިޔާސި ކެނޑިޑޭޓު ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީ ބާއްވާނެކަން އެމްޑީޕީން މިމަހު 18 ވަނަ ދުވަހު އިއުލާން ކުރުމާއިއެކު، ރައީސް ނަޝީދު ވަނީ އެމަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެކަން ޔަގީންކޮށްދެއްވާފައެވެ. އަދި އެކަމުގައި އެމަނިކުފާނަށް ތާއީދު ކުރެއްވުމަށް އެމްޑީޕީގެ އެންމެހައި މެމްބަރުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.
އެއާއެކު އެމަނިކުފާނަށް ޓީމުން ވަނީ އެމްޑީޕީ މެންބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.
ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހަޅަން ޖެހެނީ 500 މެމްބަރުންގެ ތާއިދާއެކުއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް އިއުލާން ކުރައްވާފައިވާއިރު, އެމަނިކުފާނު ވެސް ވަނީ މެންބަރުންގެ ތާއީދު ހޯއްދެވުމުގެ މަސައްކަތް ފަށްޓަވައިފައެވެ.


