މަސްތުވާތަކެތީގެ ވިޔަފާރީގެ ފައިސާ، އެކައުންޓުތަކުން 300 މިލިއަން ރުފިޔާ ދައުރުކޮށްފައިވޭ: ފުލުހުން

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ހިންގި “އޮޕަރޭޝަން އަލިމަގު” ގައި ހައްޔަރުކުރި ހަތަރު މީހެއްގެ ބޭންކް އެކައުންޓުތަކުން ފާއިތުވި ފަސް އަހަރު ތެރޭގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މިމަހުގެ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަންގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކުރިއިރު، މި މައްސަލައާ ގުޅިގެން 13 ފަރާތެއްގެ 53 ބޭންކް އެކައުންޓު ވަނީ ފްރީޒްކޮށްފަ އެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކްތަކަށް އަމާޒުކޮށް ފުލުހުން ފަށާފައިވާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން މިމަހުގެ 11 ވަނަ ދުވަހު ގއ. އަތޮޅާއި މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަންގައި 10 ތަނެއް ބަލައި ފާސްކޮށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރުކުރި މީހުންނަކީ ގއ. ވިލިނގިލި، ޝެވޯނާ / ޝައްފާޙް ލަޠީފް (28އ) އާއި ގއ. ވިލިނގިލި، މިޔުޒިކީއާގެ / އަޙްމަދު މަދީޙު (33އ) އާއި ގއ. ވިލިނގިލި، އައިޒަން / އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި ގއ. ވިލިނގިލި، އަރާއިރުގެ / ނޫރުއްނިޡާމް (35އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރިއިރު، ހައްޔަރުކުރި މި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.
ފުލުހުން މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހާއްސަ ތަހުގީގެއް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ތަހުގީގަށް ހޯދިފައިވާ ގޮތުގައި މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ދާކަން ވަނީ ހާމަވެފަ އެވެ. ފާއިތުވި ފަސް އަހަރު ތެރޭގައި މި ނެޓްވޯކް މެންބަރުންގެ ބޭންކް އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 4 ލައްކަ އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މައްސަލައިގައި ހައްޔަރުކުރި ބައެއް ފަރާތްތަކުގެ އެކައުންޓުތަކުން ދައުރުކޮށްފައިވާ ފައިސާގެ ތަފްސީލު ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އަޙްމަދު މަދީޙުގެ ބޭންކު އެކައުންޓުތަކުގައި 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާއިރު، އޭނާގެ މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 ރުފިޔާ އެވެ. އަޙްމަދު އަނާމް އިބްރާހީމްގެ އެކައުންޓުތަކުގައި 38 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާއިރު، އޭނާގެ މުސާރަ އުޅެނީ 271,874.32 ރުފިޔާގަ އެވެ. ޝައްފާޙް ލަޠީފްގެ އެކައުންޓުތަކުގައި 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވާއިރު، އޭނާގެ މުސާރަ އުޅެނީ 371,635.36 ރުފިޔާގަ އެވެ.
މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި އޭނާގެ ދަށުން މަސްތުވާތަކެތި ވިއްކުމާއި މަނީ ލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ 19 ފަރާތެއް ފުލުހުންގެ ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށާއި މި ހުރިހާ ފަރާތްތަކުގެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ވަނީ ފްރީޒްކޮށްފަ އެވެ.

