ޚަބަރު

ކޮވިޑް ބަލީގައި ރާއްޖޭގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެގެން ހިނގައިދާނެ – ޑރ.ނަޒްލާ މުސްތަފާ

ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެފައިވާ މިންވަރު ހާމަކޮށްދެއްވަމުން، ކޮވިޑް ބަލީގައި ރާއްޖޭގައި ނިޔާވާ މީހުންގެ އަދަދުތައް މިހާރަށްވުރެވެސް އިތުރުވެގެން ހިނގައިދާނެކަމަށް ޑރ.ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާދިނުމުގައި ކެޕޭސިޓީ ހުރިކަމުގައިވިޔަސް، ޑޮކްޓަރުންނާއި، ނަރުހުން ނެތް ކަމަށާއި، އެހެންކަމުން ރާއްޖޭގައި ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް އިތުރުވެގެން ހިނގައިދާނެ ކަމުގެ ބިރުއޮތްކަމަށެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، މިހާރު ފެނިގެން މި ދަނީ ފާއިތުވި 14 މަސް ދުވަހުގެ ތެރޭގައި ދުވަހަކުވެސް ނުފެންނަހާ މަތީ އަދަދުތަކުން މީހުން ކޮވިޑަށް ފަައްސިވާ މަންޒަރު ކަމަށެވެ. އަދި ހާއްސަކޮށް އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ހުޅުމާލެ ފެސިލިޓީގައި ތިބި ބަލި މީހުންނާއި އަޅާބަލާއިރު، ނަރުހުން މަދު ކަމަށެވެ. އެހެންކަމުން ދަތިތަކާއި ކުރިމަތިވަމުންދާ ކަަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ފާހަގަކުރެއްވިގޮތުގައި، ހުޅުމާލެ ފެސިލިޓީގައި ހުރީ ޖުމްލަ އައިސީޔޫ 11 އެނދެވެ. އޭގެ ތެރެއިން މިވަގުތު ހަ އެނދެއް ބޭނުން ކުރަމުންދާއިރު، ފަސް އެނދު ހުހަށް ހުރިކަން ފާހަގަކުރެއްވިއެވެ.

“ބެޑް ހުއްޓަސް އަޅުގަނޑުމެންނަށް އެންމެ ދަތިކަމަކަށް ދިމާވަނީ ނަރުހުން މަދުކަމުން، އެއާއެކު ޑޮކްޓަރުންވެސް މަދުކަމުން، މިގޮތަށް ދަނީނަމަ އަޅުގަނޑުމެންގެ ޑެތްރޭޓް މިއަށްވުރެ މަތިވުމުގެ ފުރުސަތު ހައިވާނެ، ތި ވިދާޅުވިހެން އަޅާނުލެވި ހިނގައިދާނެ.” ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވެފައި ވީނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިންސައްތައަށް ބަލާއިރު އަދި ގިނައެއް ނުވެއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ފެސިލިޓީވެސް އެބަހުރި ކަމަށާއި، އޮކްސިޖަން އާއި ވެންޓިލޭޓަރުވެސް އެބަ ހުރި ކަމަށެވެ. އެހެން ނަމަވެސް ދިމާވެފައި ވަނީ އިންސާނީ ވަސީލަތުގެ ދަތިކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިހާރު ނަރުސްކަމުގެ ދާއިރާއިން ތައުލީމް ޙާސިލް ކުރަމުންދާ ދަރިވަރިންވެސް ފެސިލިޓީއަށް ނުކުތުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close