ޚަބަރު

ހުޅުމާލޭ މެޑިކަލް ފެސިލިޓީން ބޯފެން ހުސްވެފައިވާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް – އައިޖީއެމްއެޗް

ހުޅުމާލެ މެޑިކަލް ފެސިލިޓީ އިން ބޯފެން ހުސްވެފައިވާކަމަށް ދެކެވެމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން  ބުނެފިއެވެ.

އައިޖީއެމްއެޗްއިން އެވާހަކަ ދޮގުކޮށްފައިވަނީ އެތަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ހެޕީ މާކެޓް ޓްރޭޑިންގ ކޮމްޕެނީގެ ފަރާތުން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ހަދިޔާކުރި މިނަރަލް ވޯޓަރ އަކީ ފެސިލިޓީ އިން މިނަރަލް ވޯޓަރ ހުސްވެ، ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ތިބޭ ބަލިމީހުންގެ ކެއިން ބުއިމުގެ ޚިދުމަތް ދެނީ ކޭޓަރިންގ އުޞޫލުން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކަމަށާއި ކެއުން އޮންނަ ހުރިހައި ވަގުތެއްގަ އާއި އެނޫން ވަގުތު ތަކުގައިވެސް ފެސިލިޓީ އިން ބޯފެން (މިނަރަލް ވޯޓަރ) ލިބޭނެ ކަމަށެވެ.

“ބައެއް ބަލިމީހުންގެ ޢާއިލާގެ ފަރާތުން އިތުރަށްވެސް މިނަރަލް ވޯޓަރ ފޮނުވާ. ހެޕީ މާކެޓް ޓްރޭޑިންގ ކޮމްޕެނީގެ ފަރާތުން ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ހަދިޔާކުރި މިނަރަލް ވޯޓަރ ވަނީ ފެސިލިޓީއިން ބަލައިގަނެފަ. މި ފެނަކީ ފެސިލިޓީ އިން މިނަރަލް ވޯޓަރ ހުސްވެ، ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް މިއީ ޙަޤީޤަތެއް ނޫން.” އައިޖީއެމްއެޗް ގެ ނޫސްބަޔާނުގައިވެއެވެ.

ނޫސްބަޔާނުގައި އައިޖީއެމްއެޗް އިން އިތުރަށް ވިދާޅުވެފައިވަނީ، މި ފެން ފެސިލިޓީގެ ފަރާތުން ބަލައިގަނެފައިވަނީ ފެސިލިޓީ އިން މިނަރަލް ވޯޓަރ ހުސްވެފައިވާތީ ނޫންކަމުގައްޔާއި މިފަދަ ފެސިލިޓީ އަކުން ބޯފެން ފަދަ އެއްޗެއް ހުސްވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ހެޕީ މާކެޓްގެ ފަރާތުން މިނަރަލް ވޯޓަރ ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close