ކޮނޑޭގެ ވޯޓްފޮށިތައް އަލުން ގުނައިފި، ނަތީޖާއަކަށް ބަދަލެއްނައި
ގއ. ކޮނޑޭ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމަށް ބެހެއްޓި ވޯޓު ފޮށިތައް އަލުން އަނެއްކާ ގުނުމުންވެސް ނަތީޖާއަކަށް ބަދަލެއް ނައެވެ.
ވޯޓުފޮށިއަލުން ގުނުމަށް ހައިކޯޓުން ކުރި ހުކުމާ އެއްގޮތަށް ގުނުމުންވެސް ވޯޓުގެ ނަތީޖާ އަށް ބަދަލެއް ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މިހާރު ކަށަވަރު ކޮށްދީފައެވެ.
އިލެކްޝަންސް ކޮމިޝަނާއި ދެކޮޅަށް ހައިކޯޓަށް އިންތިހާބީ ޝަކުވާގެ މައްސަލައެއް ހުށަހެޅީ ދެ ވޯޓުގެ ތަފާތަކުން އިންތިހާބުން ނާކާމިޔާބުވި ޝުއައިބު މުހައްމަދު ދީދީ އެވެ.
އެ މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ އިއްވި ޙުކުމްގައި ވަނީ، ކޮނޑޭ ކައުންސިލްގެ ރައީސް ހޮވުމަށް ތިން ތަނެއްގައި ބެހެއްޓި ވޯޓު ފޮށީގެ ވޯޓުތައް އަލުން ގުނައި ނަތީޖާ އިއުލާނު ކުރުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ހައި ކޯޓުގެ ހުކުމާ ގުޅިގެން ކޮނޑޭ އިން ވޯޓުލީ ތިން ފޮށިވެސް އަލުން ގުނާފައިވާ ކަމަށެވެ. އެހެން ނަމަވެސް އީސީ އިން އިއުލާނުކުރި ނަތީޖާ އަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ޝުއައިބަށް 128 ވޯޓު ލިބުނު އިރު މިހާރުވެސް ކޮނޑޭ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަދި އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓު އަހުމަދު އަބްދުލްހަކީމަށް ލިބުނީ 130 ވޯޓެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 393 މީހުން ދިރިއުޅޭ ކޮނޑޭގައި، ކައުންސިލުގެ ރައީސް ކަމުގެ އިންތިހާބުގައި ވޯޓު ލާފައިވަނީ 337 މީހުންނެވެ. އެ ވޯޓުގައި 15 ވޯޓު ވަނީ ބާތިލްކަމަށް ކަނޑައަޅާފައެވެ.


