ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެސްބީއައިގެ ޙިއްސާވަރަށްބޮޑު – ރައީސް
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެސްބީއައިގެ ޙިއްސާވަރަށްބޮޑު ކަމަށާއި، އެސް.ބީ.އައި އިން މިހާ ދިގު މުއްދަތެއްގައި ޚިދުމަތް ދިނުމުގައި ދެމިއޮތުމަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ ވަރުގަދަ ރަމްޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސްޓޭޓް ބެންކް އޮފް އިންޑިއާ، އެސްބީއައި އިން ރާއްޖޭގައި ޙިދުމަތްދޭންފެށިތާ 45 އަހަރު ފުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި ވާހަކަދައްކަވަމުނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާހިޙް ވިދާޅުވީ، އެސްބީއައިއަކީ ރާއްޖޭގައި ޙިދުމަތްދޭން ފެށި ފުރަތަމަ ބެންކުކަމަށެވެ. އަދި ރާއްޖޭގެ ތަރައްޤީގެ ހުރިހާ ސިނާއަތެއްގައި އެސްބީއައިގެ ހިއްސާބޮޑުކަން ރައީސް ފާހަގަކުރެވިއެވެ. ޙާއްސަކޮށް ރާއްޖޭގެ ތަރައްޤީގައި ސްޓޭޓް ބެންކް އޮފް އިންޑިއާ ގެ ޙިއްސާބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް ބެންކް އޮފް އިންޑިއާގެ މެނޭޖިންގ ޑިރެކްޓަރ ދިނޭޝް ކުމާރު ކާރާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އެސްބީއައިގެ ހިއްސާއެއް އޮތުމުން އުފާކުރާކަމަށެވެ. އެސްބީއައި ވެގެންގޮސްފައިވަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި ރާއްޖެއާއި ގުޅުވައިދިން ބައިވެރިއެއްގެ ގޮތުގައި ކަމަށް ދިނޭޝް ކުމާރު ކާރާ ވަނީ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫއްޔާގެ ނައިބު ފައިސަލް ނަސީމާއި، ރައްޔިތުން މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، އެމްއެމްއޭގެ ޤަވަރުނަރު އަޙްމަދު ނަސީރާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާއި، އެސްބީއައިގެ އިސްބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މި ހަފްލާގައި އެސްބީއައިއަށް ގިނަދުވަހު ޙިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ ދީފައެވެ. އަދި އެސްބީއައިގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
އެސްބީއައި އިން ރާއްޖޭގައި ޙިދުމަތްދޭން ފަށާފައިވަނީ 4 ފެބްރުއަރީ 1974 ވަނަ އަހަރުއެވެ. އެސްބީއައިގެ ޙިދުމަތް އެންމެ ފުރަތަމަ ދޭންފެށީ 6 މުވައްޒަފުންނާއިއެކު ހަމައެކަނި މާލޭ ސިޓީގައެވެ. ނަމަވެސް 45 އަހަރު ވީއިރު އެސްބީއައިގެ މުވައްޒަފުންގެ އަދަދު 92 އަކަށް އިތުރުކޮށް މާލޭ ސިޓީ ހިމެނޭގޮތުން ރާއްޖޭގެ 4 ސަރަހައްދެއްގައި އެ ބެންކުގެ ޙިދުމަތް އަންނަނީ ދެމުންނެވެ. އެއީ އައްޑޫސިޓީއާއި، މާމިގިނލީގެ އިތުރުން ހުޅުމާލެއެވެ.
