ޚަބަރު

ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމުގައި، އަޚްލާގީ މިންގަނޑުތަކަށް ރިޢާޔަތް ކުރުމަށް މީޑިއާކައުންސިލުން އިލްތިމާސް ކޮށްފި

ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމުގައި، މީޑިއާތަކުން އަޚްލާގީ މިންގަނޑުތަކަށް ރިޢާޔަތް ކުރުމަށް މީޑިއާކައުންސިލުން އިލްތިމާސް ކޮށްފި އެވެ.


ޚިޔާލު ފާޅުކުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިދީފައި ވާއިރު، އެ މިނިވަންކަމުގެ ހައްގަކީ ވަކި ޒިންމާ ދަތަކަކާއި މަސްއޫލިއްޔަތުތަކާއެކު ބޭނުންކުރަންޖެހޭ ހައްގެއް ކަމުގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ވުމާއެކު، ނޫސްވެރިންނާއި މީޑިއާތަކުން އެ ޙައްގުގެ ބޭނުން ކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާދުތަކުގެ އިތުރުން، ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާގީ މިންގަޑާއި އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ.

މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި އެ ކައުންސިލުން ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްފައިވާ ގޮތުގައި، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ޙައްގަކަށް އުނިކަން އަތުވެދާނެފަދަ މައުލޫމާތަކަށް ވާނަމަ އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ ކައުންސިލްގެ ގާނޫނާއި ދިވެހި މީޑިއާގެ އެންމެހާ ހަމަތަކާއިވެސް ޚިލާފުކަމެކެވެ. އަދި ޚަބަރު ފެތުރުމުގައި އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކެއްގެވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިއުކުރުމަށް ކައުންސިލްގެ ގަވާއިދުން މީޑިއާތަކަށް ލާޒިމްކުރާކަންވެސް މީޑިއާކައުންސިލްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާގީ މިންގަޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާޢިއުކުރާ ޚަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރު ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް ނޫސްވެރިންނާއި މީޑިއާތަކަށް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފައި ވެއެވެ.

އަދި މީގެ އިތުރުން އިސްލާމް ދިނާއި ޚިލާފު ޚަބަރާއި މައުލޫމާތާއި، މުޖުތަމަޢުގެ އާންމު އަޚްލާގީ މިންގަޑާއި ޚިލާފު މައުލޫމާތާއި ޚަބަރު ނުފެތުރުމަށާއި، އަދި ސައްޙަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށް ހަދާން ކޮށްދޭ ކަމުގައިވެސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި އެކައުންސިލުން ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close