ޚަބަރު

ދެޑޯޒް ޖަހާފައިވާ ފަތުރުވެރިން ވެސް ރާއްޖެ އަންނައިރު ނެގެޓިވް ނަތީޖާ ގެންނަން ޖެހޭގޮތް ހަދައިފި

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެޑޯޒް ޖަހާފައިވާ ފަތުރުވެރިން ވެސް ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ކޮވިޑް ނަތީޖާ ގެންނަން ޖެހޭގޮތައް އެޗްޕީއޭ އިން އުސޫލު ބަދަލުކޮށްފިއެވެ.

އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ވިދާޅުވެފައި ވަނީ 3 މޭ އިން ފެށިގެން، ވަކިގޮތެއް އަންގަންދެން ފަތުރުވެރިންނާއި، ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން 96 (ނުވަދިހަ ހައެއް) ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުމަށް އަންގާ ކަމަށެވެ. މީގެ ތެރޭގައި އެއް އަހަރުން ދަށުގެ ކުޑަކުދީންނެއް ނުހިމެނޭނެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގުމުގައި ވަނީ މިގޮތައް އުސޫލުގައި ބަޔާންކޮށްފައިވާ ފިޔަވަޅު އެޅިނަމަވެސް، އޭނާ ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އޭނާ އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށެވެ. އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅު ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވެސް އެންގުމުގައި ވެއެވެ.

އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ވަނީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރުމުން ކޮވިޑް ޓެސްޓްގެ ނަތީޖާ ގެންނަން ނުޖެހޭ ގޮތައް ހަދާފައެވެ. ނަމަވެސް މެއި 03 ވަނަ ދުވަހުން ފެށިގެން އެއުސޫލު ބާތިލް ވާނެއެވެ.

އެހެންކަމުން މެއި 3 ވަނަދުވަހުން ފެށިގެން އެއްވެސް ފަތުރު ވެރިޔަކަށް ރާއްޖެ އެތެރެވެވޭނީ 96 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ނަތީޖާއެއް އެމީހެއްގެ އަތުގައި އޮވެގެންނެވެ.

މިއީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ރެކޯޑް ޢަދަދަކަށް އިތުރުވަމުންދާތީ އެޗްޕީއޭއިން އެޅި ހަރުދަނާ ފިޔަވަޅެކެވެ. މިފަދަ ފިޔަވަޅެއް އެޅިނަމަވެސް އަދިވެސް ރާއްޖޭގެ ކެފޭތަކާއި، ރެސްޓޯރެންޓް ތަކާއި، އަދިވެސް މީހުން އެއްވެ އުޅޭތަންތަން ވަނީ އެއްވެސް ހަމައެއް އުސޫލެއްނެތި ދޫކޮށްލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close