ޚަބަރު

މުޒާހަރާއިން ހައްޔަރުކުރި މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފި

ޕްރޮގްރެސިވް ކޯލިޝަނުން އިސްނަގައިގެން ރޭ މާލޭގައި ކުރިއަށް ގެންދިޔަ “ދޭތިން އެކައްޗަށް” މުޒާހަރާ އިން ހައްޔަރު ކުރި ނުވަ މީހުންވެސް ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ރޭކުރި މުޒާހަރާ އިން ހައްޔަރުކުރި ކޮންމެ މީހަކު ވަނީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާ ކުރުމަށް ފަހު އެންމެން ވެސް ރޭ ވަނީ ދޫކޮށްލާފައެވެ.

ޕީޕީއެމްގެ މައި އޮފީސް ކައިރިން ޕާޓީގެ އިސްވެރިންނާ އެކު ސަޕޯޓަރުން ދެ ސަރަހައްދަކަށް ރޭ އެއްވެފައިވާއިރު ރޭ މުޒާހަރަ އަށް ނިކުތީ ރައީސް ޔާމީން ގޭބަންދަށް ބަދަލު ކޮށްދިނުމަށް އެދިފައިވާ އެދުމަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެއްވާތީކަމަށް އިކޮޅުން ބުނެއެވެ.

ރޭގެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ކައިރި ބަންދުކޮށްފައެވެ. އަދި މުލީއާގެ އާއި ރައީސް އޮފީސް ސަރަހައްދުގައި ވެސް ރޭ ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެ އެސަރަހައްދުގެ މަގުތައް ވެސް ކޮންމެވެސް ވަރަކަށް ބަންދުކުރިއެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިހާރު ވަނީ 508 ދުވަސް ވެއްޖެއެވެ. އެހެންކަމުން އެމަނިކުފާނު ވެފައި ވަނީ ފަހުގެ ތާރީޚެއްގައި ޖަލުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ކުރީގެ ރައީސަށެވެ.

ރައީސް ޔާމީން ސްޓްރެސް ފްރީ މާހައުލަކަށް ބަދަލުކުރުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ޑޮކްޓަރުން ލަފާދެއްވިއެވެ. އެލަފައާއި ގުޅިގެން ސަރުކާރުން ވަނީ ރައީސް ޔާމީން ރާއްޖެ އިން ބޭރަށް ދިއުމަށް އެދިފައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ރާއްޖެ ދޫކުރައްވާ އެހެން ގައުމަކަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close