ފުލުހުންގެ އިސްތިއުނާފު ކޮމެޓީ އެކުލަވާލައިފި
ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ހ)ގެ ދަށުން އުފައްދަންޖެހޭ ދިވެހި ފުލުހުންގެ ހިދުމަތުގެ “އިސްތިއުނާފު ކޮމިޓީ” އެކުލަވާލައިފިއެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކުލަވާލެއްވި އެ ކޮމިޓީގެ ބޭނުމަކީ ފުލުހަކާއި މެދު ޑިސިޕްލިނަރީ ބޯޑުން ފިޔަވަޅެއް އަޅައިފިނަމަ އެފިޔަވަޅެއް އިސްތިއުނާފަށް ހުށަހެޅުމެވެ.
ހޯމް މިނިސްޓްރީން މިއަދު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ “އިސްތިއުނާފު ކޮމިޓީއަށް” ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަސް ބޭފުޅުން އައްޔަނުކޮށްފައިވާކަމަށެވެ.
ކޮމެޓީއަށް އައްޔަން ކޮށްފައިވާ ފަސް ބޭފުޅުންނަކީ، ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޞާދިޤު، އަލްއުސްތާޛު އަޒްމީން ރަޝީދު، ފާތިމަތު ލީނާ، އަލްއުސްތާޛާ މިންނާ ނާފިޛް އަދި އަލްއުސްތާޛު އަހްމަދު ޝިހާދުއެވެ.
ފުލުހުންގެ ގާނޫނުގައި ބުނެފައި އޮންނަ ގޮތުގައި ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލައެއް، ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައެއް ނިންމާ ދުވަހުން ފެށިގެން ދިހަ ދުވަހުގެ ތެރޭހައި އިސްތިއުނާފު ކޮމިޓީއަށް އިސްތިއުނާފުކުރުމަށް ހުށަހަޅަން ޖެހޭނެއެވެ.
ފުލުހަކާއި މެދު ފިޔަވަޅެއް އަޅަން ޑިސިޕްލިނަރީ ބޯޑުން ނިންމައިފިނަމަ އެމައްސަލައެއް ކޯޓަށް ހުށަހެޅޭނީ އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅުމަށް ފަހުއެވެ.
ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ޙައްޤު އެ މައްސަލައެއް ރައްދުވި ފަރާތަށާއި، މައްސަލައިގެ ސަބަބުން ސީދާގޮތުން އަސަރު ފޯރައިފާނެ ކޮންމެ މީހަކަށާއި ކޮމިޝަނަރ އޮފް ޕޮލިސްއަށް ލިބިގެންވާކަމަށް ގާނޫނުގައި ބުނެފައި ވެއެވެ.
ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅައިފިނަމަ، އެ މައްސަލައިގައި ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާފައިވާ އަދަބު ތަންފީޛުކުރަންވާނީ، އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާނަމަ އެ މައްސަލައާމެދު އިސްތިއުނާފު ކޮމިޓީން ގޮތެއް ނިންމުމަށްފަހުގައި ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅާފައި ނުވާނަމަ، އަދަބު ތަންފީޛުކުރެވޭނީ ޑިސިޕްލިނަރީ ބޯޑުން މައްސަލަ ނިންމިތާ ދިހަ ދުވަސް ފަހުން ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފައެވެ.

