ނާރެސް ރޯދަސުފުރާ – ޕޮކެޓް ބަޖިޔާ
ނާރެސް ރޯދަސުފުރާއިން މިއަދު މިގެނެސްދެނީ ޕޮކެޓް ބަޖިޔާ ތައްޔާރުކުރާނެގޮތެވެ. މިއީވެސް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ހެދިކާއެކެވެ. ރޯދަމަހު ރޯދަވީއްލާގަޑިއަށްވެސް ތަރާވީސް ދަމަށްވެސް މިހެދިކާ ވަރަށްކަމުދާނެއެވެ.
ބޭނުންވާ ތަކެތި
1 ޖޯޑު ބޯންލެސް ( ކުދިކޮށް ކޮށާފައި )
1 ފިޔާ ބޮޑު
2 ލޮނުމެދު
1 ކެޕްސިކަމް
50 ގ. ލީކްސް
1 ކޯޅި ހިކަނދިފަތް ބޮޑު
½ ސައި ސަމުސާ އިނގުރު (މުގުރާފައި)
ރަހަލާވަރަށް ލޮނުކޮޅެއް
½ ސައިސަމުސާ އަޖުނަމޮޓޯ
2 މޭޒުމަތީ ސަމުސާ ކުކިންއޮއިލް
1 ގިތެޔޮމިރުސް (ކުޑަ)
½ ސައިސަމުސާ މުގުރިމިރުސް
1 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާރލިކްސޯސް
4 ފޮތި ޗީޒް
ރަހަލާވަރަށް އޮއިސްޓާ ސޯސް ކޮޅެއް
ތައްޔާރުކުރާނެގޮތް
ހިނކަދިފަތް، ފިޔާ، ލޮނުމެދު ، ލީކްސް ، މިރުސް އަދި ކެޕްސިކަމް ކުދިކޮށް ކޮށާލާށެވެ. ތެޔޮފޮދު ތަވަޔަކަށް އަޅާފައި އުނދުނަށް އުދާށެވެ. ދެން ހޫނުވުމުން ކޮށި އެއްޗެހި ތަވަޔަށް އަޅާފައި މީރުކޮށްލާށެވެ. ދެން ބޯންލެސް ކުކުޅުކޮޅު ކުޑަކޮށް ތެލުލާށެވެ. ކުކުޅު ކޮޅު ތެއްލުމަށްފަހު މީރުކުރި ފިޔާގަނޑު ތެރެއަށް އަޅައި އެއްކޮށްލާށެވެ. އޭގެ ތެރެއަށް އިނގުރުކޮޅާއި، މުގުރި މިރުސްކޮޅާއި، އަޖުނަމޮޓޯއާއި، ލޮނު އަޅައި އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ގާލިކް ސޯސް އާއި، އޮއިސްޓާ ސޯސް އަޅައި އެއްކޮށްލާށެވެ. ދެން މަތިޖަހާފައި މަޑުގިނީގައި ކުޑައިރުކޮޅަކު ބަހައްޓައިލާށެވެ. މިހާރު އެހެރީ މަސްގަނޑު ތައްޔާރު ކުރެވިފައެވެ.
ދެން ފުށްގަނޑު ތައްޔާރުކުރުމަށް އާދައިގެ ރޮށި ފިހާން ބޭނުންވާ ފުށްގަނޑު މޮޑޭގޮތަށް ފުށްގަނޑު މޮޑޭށެވެ. ދެން ރޮށިދަމާށެވެ. އޭގެ ފަހުގައި ބަޖިޔާހަދަން ކަފާގޮތަށް ތުތިމަހަށް (ޓްރޭންގަލް) ވާގޮތަށް ކަފާށެވެ. ދެން ޕޮކެޓެއް ގޮތަށް ގޮށިހަދާށެވެ. އޭގެތެރެއަށް ޗީޒް ކޮޅެއް ލާށެވެ. ދެން ތައްޔާރުކުރި މަސްގަނޑުން މަސްއަޅާށެވެ. ދެން ޕޮކެޓްގެ އަނގަ ނުބައްދައި ބަހައްޓާށެވެ.
ދެން އަވަން ދޮންކުރުމަށްފަހު ތައްޔާރުކުރި ޕޮކެޓް ބަޖިޔާތައް ޓްރޭއަށް އަޅައި އަވަނަށް ފިހަން ލާށެވެ. 150 ޑިގްރީ ސެލްސިޔަސްގައި އަވަން ބަހަށްޓައިގެން ވިއްސަކަށް މިނެޓުން ފިހެވޭނެއެވެ. މިހާރު އެހުރީ ޕޮކެޓް ބަޖިޔާ ތައްޔާރުކޮށް ނިމިފައެވެ.