ނާރެސް ރޯދަސުފުރާ – ކަސްޓަޑް މާރީ ޕުޑިން
ނާރެސް ރޯދަސުފުރާގައި މިއަދު މިގެނެސްދެނީ ކަސްޓަޑް މާރީ ޕުޑިން ހަދާނެގޮތެވެ. މިއީ ރޯދަމަހަށް ޚާއްޞަ ޕުޑިންގ އެކެވެ. ރޯދަވީއްލާ ގަޑީގައިވެސް އަދި ތަރާވީސް ގަޑީގައި ކާލަން ވެސް ވަރަށް ކަމުދާނެއެވެ.
ބޭނުންވާތަކެތި:
1 ޖޯޑު ކަސްޓަޑް ޕައުޑަރ
1 ޖޯޑު ހަކުރު
½ ދަޅު ގެރިކިރު
1 ޕެކެޓް މަންޗީ މާރީ ބިސްކޯދު
1 ރޯކިރު
ތައްޔާރުކުރާނެގޮތް
ފުރަތަމަ ތެއްޔަކަށް ކަސްޓަޑް ކޮޅު އަޅާލާށެވެ. ދެން އޭގެ ތެރެއަށް 5 ޖޯޑު ފެން އަޅާށެވެ. އަދި ގެރިކިރާއި، ހަކުރު ކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކުޑަކޮށް އޮލަވަންދެން އުނދުންމައްޗަށް އުދާ ކައްކާލާށެވެ. ކައްކާލުމަށްފަހު ބަލާށެވެ. ދެން ޓްރޭއަކަށް ކެއްކި ކަސްޓަޑުން ބައެއް އަޅާލާށެވެ. ދެން ރޯކިރު ޕެކެޓް ތައްޓަކަށް އެޅުމަށްފަހު މާރީ ބިސްކޯދު އޭގެ ތެރެއަށްލައި ފޯކޮށްލުމަށްފަހު ޓްރޭއަށް އެޅި ކަސްޓަޑު މަތީގައި ލޭޔަރަކަށް ވާގޮތަށް އަތުރާށެވެ. ދެންމިގޮތަށް އަނެއްކާވެސް ކަސްޓަޑް އަޅާ އިތުރު ލޭޔަރތައް ވާގޮތަށް އެމީހަކު ބޭނުންވާ ވަރަކަށް ލޭޔަރ އިތުރުކުރާށެވެ. ކަސްޓަޑް ލޭޔަކަށް ފަހު ބިސްކޯދު ލޭޔަރެއް މިގޮތަށް އިތުރު ކުރަމުން ގެންދާނީއެވެ. ތައްޔާރުކޮށް ނިމުމުން އައިސްއަލަމާރިއަށް ލައި ފިނިކޮށްލައިގެން ކާލަން ވަރަށް ކަމުދާނެއެވެ.