ނާރެސް ރޯދަސުފުރާ – އަލުވި ކަޓުލަސް
ނާރެސް ރޯދަސުފުރާގައި މިއަދު މިގެނެސްދެނީ އަލުވިކަޓުލަސް ތައްޔާރުކޮށްލާނެގޮތެވެ. މިއީވެސް ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އަނގަޔަށް މީރު ހެދިކާއެކެވެ. ޗިލީސޯސް ނުވަތަ ގަރލިކް ސޯސް ފަދަ ސޯސްއަކާއި ޖަހައިގެން ރޯދަވީއްލާ ގަޑީގައި ކާލަން މިއީ ވަރަށް ކަމުދާނެ އެއްޗަކަށްވާނެކަން ކަށަވަރެވެ. އަޖުމަ ބަލައްވާލައްވާށެވެ.
ބޭނުންވާތަކެތި
3 ފެނުކެއްކި އަލުވި
2 ފެނުކެއްކި ބިސް
½ ޖޯޑް މުގުރި ހަނޑޫ
¼ ޖޯޑު ފްރައިޑް ފިޔާ
½ ސައިސަމުސާ މުގުރި މިރުސް
¼ ސައިސަމުސާ އަސޭމިރުސް
¼ ސައިސަމުސާ ލޮނުމެދު
¼ ސައިސަމުސާ އިނގުރު
ރަހަލާވަރަށް ލޮނުކޮޅެއް
¼ ސައިސަމުސާ ދިރި
¼ ސައިސަމުސާ އަޖުނަމޮޓޯ
1 ދަޅުމަސް
2 މޭޒުމަތީ ސަމުސާ ހިނކަދިފަތް
1 ގިތެޔޮ މިރުސް
½ ޖޯޑު ގޮދަން ފުށް
ރަހަލާވަރަށް ލުނބޯހުތް
1 ޖޯޑު ފާރޮށި ކުނޑި
2 ބިސް
ތައްޔާރުކުރާނެގޮތް
ފެނުކެއްކި ބިހާ، އަލުވި ރަނގަޅަށް ގާނާލާށެވެ. ދެން އޭގެ ތެރެއަށް ފްރައިޑް ފިޔާ، މުގުރި މިރުސް، އަސޭމިރުސް، ލޮނުމެދު، އިނގުރު ، ލޮނުކޮޅެއް، ދިރި، އަޖުނަމޮޓޯ، ދަޅުމަސް، ހިނކަދިފަތް އަދި ގިތެޔޮ މިރުސް އެޅުމަށްފަހު ރަނގަޅަށް ލުބޯހުތް ޖަހައިގެން މޮޑެލާށެވެ. ދެން އޭގެ ތެރެއަށް މުގުރި ހަނޑޫ ކޮޅު އަޅާ އެއްކޮށްލާށެވެ. މިހާރު އެހުރީ ފުށްގަނޑު ތައްޔާރުކުރެވިފައެވެ.
ދެން ބޭނުންވާ ސައިޒަކަށް ގުޅަވެށުމަށްފަހު ފަތާކޮށްލާށެވެ. ދެން އޭގެފަހުގައި 2 ކުކުޅުބިސް ރަނގަޅަށް ގިރާލުމަށްފަހު އޭގެތެރެއަށް ގުޅަލާށެވެ. ގުޅައިގައި ރަނގަޅަށް ބިސްހޭކުމަށްފަހު ފާރޮށި ކުނޑިއަށް ލައިފައި ތެލަށް ލާށެވެ.