ނާރެސް ރޯދަސުފުރާ – ޓޫނާ ޗީޒް ޓޯސްޓް
ނާރެސް ރޯދަސުފުރާއިން މިއަދު މިގެނެސްދެނީ ޓޫނާ ޗީސް ޓޯސްޓް ތައްޔާރުކުރާނެ ގޮތެވެ. މިއީ ރޯދަމަހަށް ޚާއްޞާ އެއްޗެކެވެ. ރޯދަވީއްލާ ގަޑިއަށްވެސް އަދި ތަރީވީސް ދަމަށްވެސް މި ޓޯސްޓް ވަރަށް މީރުވާނެއެވެ. ހަދާލަންވެސް ވަރަށް ފަސޭހަ އެއްޗެކެވެ. އަޖުމަ ބައްލަވާލައްވާށެވެ.
ސޯސްގަނޑު ތައްޔާރުކުރަން ބޭނުންވާ ތަކެތި
2 ލޮނުމެދު
1 ބިސް
ކުޑަ ލުބޯހުތް ކިބައެއް
½ ސައިސަމުސާ ހަކުރު
½ ޖޯޑް ކުކިންގ އޮއިލް
ކުޑަލޮނުކޮޅެއް
ސޯސްގަނޑު ތައްޔާރުކުރާނެގޮތް
ލޮނުމެދު ތުނިކޮށް ކޮށާފަ، ބިސްވެސް ތަޅާފަ އަދި ހަކުރު ކޮޅާއި، ލޮނުކޮޅާއި، އަދި ލުބޯހުތް ކޮޅުފެލާލައި މިކްސަރުގެ އެންމެ ކުޑަތައްޓަށް އަޅާށެވެ. ދެން އޭގެ ތެރެއަށް ތެޔޮ ފޮދުވެސް އަޅާފައި އަނެއްކާވެސް މިކްސަރުން ގިރާލާށެވެ. މިހާރު އެހެރީ ސޯސްގަނޑު ތައްޔާރުކުރެވިފައެވެ.
މަސްގަނޑު ތައްޔާރުކުރަން ބޭނުންވާތަކެތި
½ ޕާން
1 ދަޅު މަސް
1 ގިތެޔޮމިރުސް އާދައިގެ
1 ފިޔާ ބޮޑު
1 ކެޕްސިކަމް
ލީކްސް ކޮޅެއް
ދެކޯޅި ހިކަނދިފަތް
1 ބޮނޑި ޗީޒް
2 ކުކުޅު ބިސް
½ ސައިސަމުސާ އަސޭމިރުސް
ލޮނުކޮޅެއް ރަހަލާވަރަށް
½ ސައިސަމުސާ އަޖުނަމޮޓޯ
ޗިލީ އެންޑް ގާލިކް ސޯސް
ކުޑަ ތެޔޮފޮދެއް (ކުކިންއޮއިލް)
މަސްގަނޑު ތައްޔާރުކުރާނެ ގޮތް
ފިޔާ، ކެޕްސިކަމް، ލީކްސް އާއި މިރުސް އަދި ހިކަނދިފަތްކޮޅު ކުދިކޮށް ކިޔުބު ގޮތަށް ކޮށާލާށެވެ. ދެން ތަވަޔަކަށް ތެޔޮފޮދު އަޅައި ރަތްކުލައަރަންދެން މީރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް މަސްދަޅު ވިނުވާލައިފައި އަޅާށެވެ. އަދި ލޮނުކޮޅާއި، އަޖުނަމޮޓޯ ކޮޅު ރަހަލާވަރު ބަލައިގެން އަޅާށެވެ. ދެންކުރިން ތައްޔާރުކުރި ސޯސްގަނޑުން 2 ސަމުސަލެއްހާ ވަރު އޭގެ ތެރެއަށް އަޅާށެވެ. އޭގެފަހުގައި ރީތިކޮށް އެއްކޮށްލާށެވެ. ދެން ކުޑަގާލިކް ސޯސްކޮޅެއް އަޅާށެވެ. މިހާރު އެހެރީ މަސްގަނޑު ތައްޔާރުކޮށް ނިމިފައެވެ.
ޓޯސްޓް ތައްޔާރުކުރާނެގޮތް
ޕާނުން ދެ ފޮތި ނެގުމަށްފަހު އެއްފޮތި މައްޗަށް ޗީޒް ފޮތި ބާއްވާށެވެ. އަނެއްފޮއްޗަށް ހެޔޮވަރު ވަރަކަށް މަސްގަނޑުން މަސްއަޅާށެވެ. ދެން ދެފޮތި ދޮފޮއްޗަށް ޖައްސާ ތަތްކޮށްލާށެވެ. ދެން ކުރިން ބުނި 2 ކުކުޅުބިސް ތަށްޓަކަށް ތަޅާފަ އަޅާލުމަށްފަހު ލޮނުކޮޅަކާ އަސޭމިރުސްކޮޅު އަޅާފައި ގިރާލާށެވެ. ދެން ތައްޔާރުކުރި ޕާންފޮތި ކަނުންކަނަށް ވާގޮތަށް ކައްޗަށް (ޓްރޭންގަލް) ގޮތަށް ކަފާލާށެވެ. އޭގެ ފަހުގައި ބިސްތަށިތެއަށް ލައިފައި ރަނގަޅަށް އޭގައި ބިސްހާކާށެވެ.
އޭގެ ފަހުގައި ތަވައެއްގައި ތެޔޮފޮދެއް ހޭކުމަށްފަހު މަޑުގިނީގައި ދެފުށް ރަނގަޅަށް ފިހެލާށެވެ. މިހާރު އެހެރީ ޓޫނާ ޗީޒް ޓޯސްޓް ތައްޔާރުކޮށް ނިމިފައެވެ.