ކުޅިވަރު

ލީގު ހޯދުމާއި ގާތަށް ސިޓީ ޖެހިލައިފި

އިނގިރޭސި ޕްރިމިއާރލީގު ހޯދުމާއި ގާތަށް މެންޗެސްޓާރ ސިޓީ ޖެހިލައިފިއެވެ. ލީގު ހޯދުމާއި ގާތަށް ސިޓީ ޖެހިލީ ލީގުގައި ރޭކުޅެވުނު މެޗުން 2 ލަނޑު 1 ލަނޑުން އެސްޓަންވިލާގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

ރޭގެ މޮޅާއިއެކު ތާވަލުގެ އެއް ވަނައިގައި ސިޓީ އޮތީ 33 މެޗުން 77 ޕޮއިންޓާ އެކު އެވެ. ތާވަލުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 32 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. މިހެންކަމާއިއެކު ލީގު ޗެމްޕިއަންކަން ހޯދުމަށް  ބާކީ އޮތް ފަސް މެޗުން ސިޓީ އަށް ބޭނުންވަނީ ހަމަ އެންމެ އަށް ޕޮއިންޓެވެ.

އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 20 ސިކުންތު ތެރޭގައި އޮލީ ވަޓްކިންސް ޖެހި ގޯލުން އެސްޓަން ވިލާ އިން ލީޑުނެގި ނަމަވެސް  ރިޔާދު މާރޭޒާއި ބެނާޑޯ ސިލްވާ އަދި އޮލެކްސަންޑަ ޒިންޗެންކޯ ގުޅިގެން އުފެއްދި އެޓޭކެއްގައި މެޗުގެ 22 ވަނަ މިނިޓްގައި ސިޓީގެ  ފިލް ފޯޑެން ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގައި ސިޓީ މޮޅުވި ލަނޑު މެޗުގެ 39 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދީފައި ވަނީ  ރޮޑްރީ އެވެ.

ރޭކުޅެވުނު  ޓޮޓެންހަމް ހޮޓްސްޕާސް އާއި  ސައުތެމްޓަން ބައްދަދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 2 – 1 ން  ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވެގެންނެވެ. ރޭގެ މި މެޗަކީ ޓޮޓެންހަމުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށް މި ސީޒަނުގެ ނިޔަލަށް ޓޮޓެންހަމްގެ ކޯޗަކަށް ހަމަޖެއްސި އުމުރުން 29 އަހަރުގެ ރަޔާން މޭސަން ގެ ފުރަތަމަ މެޗެވެ. މި މެޗުގެ މިނަތީޖާ އާއިއެކު އުމުރުން 29 އަހަރުގެ ރަޔާން މޭސަން އަށް މިވަނީ ލީގުގައި މޮޅެއް ހޯދި އެންމެ ޒުވާން ކޯޗުގެ ރެކޯރޑުވެސް ލިބިގެން ގޮސްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close